މިސް ވޯލްޑް 2023 އިންޑިއާގައި ބާއްވަން ނިންމައިފި

ދުނިޔޭގެ ރީތީގެ ރާނީ ހޮވާ މުބާރާތް މިސް ވޯލްޑް 2023 މިފަހަރު އިންޑިއާގައި ބާއްވާގޮތަށް ނިންމައިފިއެވެ. ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މި މުބާރާތަކީ އެންމެ ގިނަ ބަޔަކު އެއްފަހަރާ ޓީވީ މެދުވެރިކޮށްވެސް ބަލާ އެއް މުބާރާތެވެ. މިއަހަރުގެ މިސް ވޯލްޑް މުބާރާތުގައި 130 ގައުމަކަށް ނިސްބަތްވާ ބައިވެރިން ރީތީގެ ރާނީގެ ތާޖަށް ވާދަކުރާނެއެވެ. އިންޑިއާގެ ނިއު ދިއްލީގައި މިކަމާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސް ވޯލްޑްގެ ޗެއާޕާސަން އަދި މިސް ވޯލްޑް ޖަމްއިއްޔާގެ ސީއީއޯ ޖޫލިއާ މޯލޭއާއެކު 2022ވަނަ އަހަރު ރީތީގެ ރާނީގެ މުބާރާތް ކާމިޔާބުކުރި ކެރޮލިނާ ބިއެލާވްސިކާވެސްވަނީ ބައިވެރިވެފައެވެ. މީގެއިތުރުން މިދިޔަ އަހަރު އިންޑިއާގެ ފެމިނާ މިސް އިންޑިއާގެ ތާޖު ޙާސިލުކުރި ސިނީ ޝެޓީވެސްވަނީ މިބައްދަލުވުމުގައި ބައިވެރިވެފައެވެ. މިއަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތް ބާއްވާނެ ތަނަކާއި ވަކި ތާރީޚެއް އަދި އިޢުލާނުނުކުރެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޖޫލިއާ މޯލޭ ބުނީ، އިންޑިއާފަދަ މުއްސަނދި ސަގާފަތެއް އޮތް ގައުމެއްގައި މިމުބާރާތް ބޭއްވޭކަމީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ. މީގެ 30 އަހަރުކުރިން އިންޑިއާއަށްކުރި ފުރަތަމަ ޒިޔާރަތުގައިވެސް އިންޑިއާގެ ރީތިކަމަށް ހިތްޖެހުނުމަކަށް ޖޫލިއާވަނީ ބުނެފައެވެ. އިންޑިއާގައި އެންމެ ފުރަތަމަ މިސް ވޯލްޑް މުބާރާތެއް ބޭއްވީ 1996ވަނަ އަހަރު އަމީތާބް ބައްޗަންގެ ޕްރޮޑަކްޝަން ހައުސް އެބީސީއެލްގެ ބެލުމުގެ ދަށުންނެވެ. އެއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމީ އިންޑިއާގެ ބެންގަލޫރުގައެވެ. ބެންގަލޫރުގެ އިތުރުން ސީޝެލްސްގައި އެއަހަރުގެ މުބާރާތުގެ ބައެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަހަރުގެ މުބާރާތް ބޭއްވުމާ ދެކޮޅަށް އިންޑިއާގެ ކަރްނަޓާކާގެ ގިނަބަޔަކުވަނީ ނުރުހުން ފާޅުކޮށް ހަޅުތާލުވެސްކޮށްފައެވެ. އެހެންނަމަވެސް އިންޑިއާގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު އެއަހަރުގެ މުބާރާތް ކާމިޔާބުކަމާއެކުވަނީ ބާއްވާފައެވެ. މިހާތަނަށް އިންޑިއާއިން ވަނީ ހަ ފަހަރު މިސް ވޯލްޑްގެ ތާޖު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ރެއިތާ ފާރިއާ، ޑަޔާނާ ހައިޑްން، ޔުކްތާ މޫކްތީ، އައިޝްވަރްޔާ ރާއި ބައްޗަން، ޕްރިޔަންކާ ޗޯޕްރާ އަދި މަނޫޝީ ޗިލާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ