ގާސިމް ނަގައިގެން އުޅޭ ފަޅުރަށްތަކާއި ގުޅޭ ސުވާލުކުރުމުން ރަތަށް!

ބަދަލުގެ ގޮތުގައި ދައުލަތުން ނަންގަވައިގެން އުޅުއްވާ ރަށްތަކާއި ފަޅުތަކާއި ގުޅިގެން ސުވާލުކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯފާވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ގާސިމް ރައީސް އޮފީހުން ނިކުންނެވުމާއިއެކު ނޫސްވެރިން ވަނީ އޭނާއާ ބައްދަލުކޮށްފައެވެ. އަދި "ދިޔަރެސް"ގެ ފަރާތުންވަނީ ގާސިމް ބަދަލުގެ ގޮތުގައި ހޯދި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ސުވާލުކޮށްފައެވެ.
އެކަމަށް އިންކާރުކޮށް ގާސިމް ވިދާޅުވީ އެއްވެސް ރަށެއް ހޯދަން މަޝްވަރާއެއް ނުކުރައްވާކަމަށާއި އެއީ ދޮގު ވާހަކައެއްކަމަށެވެ.
އަދި ރައީސް އިބްރާހިމްއަށް ހުށަހެޅި އެއްވެސް ހުށަހެޅުމެއްގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި ކޯލިޝަން ހަދަން ވެސް އަދި ނުނިންމާކަމަށް ގާސިމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން "ދިޔަރެސް" ގާސިމްއަށް ކުރި ސުވާލުގައި ވިދާޅުވެފައިވަނީ "ރައީސަށް ތާއީދު ނުކުރައްވާ ތި އުޅުއްވަނީ ރައީސްއާ އެކު ޑީލެއް ހައްދަވައިގެން އަނެއްކާވެސް ފަޅުތަކާއި ދިވެހި ރައްޔިތުންގެ އެތައް މުދާ ގާސިމް އަތުލައްވަންތޯ؟ ސާފުކޮށް ވިދާޅުވާންވީ ނޫންތޯ؟" މިހެންނެވެ.
"ދެން އެހެން އެކަން ވެއްޖެއްޔާ ތިބޭފުޅުން އެކަންކަން ހަމަ މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ބައްލަވާނެ ދެއްތޯ؟ އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަޅުގަނޑު ދުވަހަކުވެސް ކުރިކަމެއްވެސް ނޫން އެއީކީ. އަދި ނުވެސް ކުރާނަން. އެކަހަލަ އެޑްވާންޓޭޖެއް ނަގާކަށް އެއްވެސް ކަމެއް" ގާސިމް ދެއްވި ޖަވާބުގައި ވިދާޅުވިއެވެ.
އަދި އެއީ ޝަރީއަތުގައި 3 މަރުހަލާ ނިމިގެން އޭނާއަށް ދޭން ސްޕްރީމް ކޯޓުން ނިންމި އެއްޗެއް ކަމަށާއި އެހެންކަމުން އެއީ ބަދަލުގެ ގޮތުގައި ލިބުނު އެއްޗެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
މި ނޫހުން ދެން ސުވާލު ކުރީ ލ. ކައްދޫއިން ސިޓީ ހޮޓަލެއް ހެދުމަށްގާސިމް ނެންގެވި 2000 އަކަފޫޓުގެ ބިމެއްގެ ބަދަލުގައި ރަށްތަކާއި ފަޅުތަކެއް ހޯދި މައްސަލައާ ގުޅިގެންނެވެ.
އެ ސުވާލު ކުރުމާއިއެކު ގާސިމް ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ. އަދި އެއީ މުޅިން ދޮގު ވާހަކައެއްކަމަށާއި އެއީ ތާކުން ތާކު ނުޖެހޭ ވާހަކައެއްކަމަށް ގާސިމް ވިދާޅުވިއެވެ.
"ތީ މުޅިން ދޮގު ވާހަކައެއް. އެއްޗެއް އެނގިވަޑައި ނުގެން ތިދައްކަވަނީ، އެއްގޮތަކަށްވެސް ތިކަހަލަ ވާހަކަ ނުދައްކަވާ. ޖާނަލިސްޓަކަށް ވެގެން ހުރެ. ތި ވަރަށް ގޯސްކަމެއް. ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ތި ދައްކަވަނީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ތަކުރާރުކޮށް މިކަމަށް އިންކާރުކުރައްވާފައެވެ. އަދި "ދިޔަރެސް"ގެ ނޫސްވެރިންނަކީ މީހަކު ފޮނުވައިގެން އައިސް ސުވާލުކުރާ ބައެއްކަމަށް ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ޤާސިމް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ވެރިކަން ބަދަލުވި ފަހުން ޤާސިމަށް ބަދަލުގެ ގޮތުގައި 3 ފަޅު މި ސަރުކާރުން ދީފައިވެއެވެ. އެގޮތުން ކާޑެއްދޫ އެއާޕޯޓާ ގުޅިގެން މާލެ އަތޮޅުން ފަޅަކާއި، ލ.ކައްދޫގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށްޓަކައި އީޕީއޭއިން ހަދަންޖެހޭ އީއައިއޭ ރިޕޯޓް ލަސްވެގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލެ އަތޮޅުން އިތުރު ފަޅަކާއި ތ.އަތޮޅުގައި ރިސޯޓު ތަރައްޤީކުރަން ޤާސިމަށް ދިން ރަށެއް ނުނިންމައި ދިގުލައިގެން ގޮސްފައިވަނިކޮށް އެ ރަށުގެ ބަދަލުގައި އދ.އަތޮޅު ފެންފުށި ކައިރިން ފަޅެއް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ