ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާކުރަމުން މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވެއެވެ.
އެއޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
ރާލުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
މިމަހުގެ ކުރީކޮޅުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ. އެންމެ ބޮޑުވަރުވެފައިވަނީ ވެރިރަށް މާލެއަށެވެ.
އޭރު ސިނަމާލެ ބްރިޖާއި ހައިވޭ އަދި މާލެއަށް ވެސް އުދައަރައި މީހުންނާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ. މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު ސަރަހައްދާއި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް ބޮޑެތި ރާޅުތައް އަރައި، މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި އަމީނީ މަގުގައިވެސް ވަނީ އުދައިގެ ސަބަބުން ފެންބޮޑުވެފައެވެ. އުދައިގެ ރާޅާއެކު ވެއްޔާއި ގާ ވެސް ވަނީ ވަރަށް ބޮޑަށް އެއްގަމަށް އަރާފައެވެ.
މޫސުން ގޯސް ނޫން ނަމަވެސް، އުދައަރަމުންދަނީ ކަނޑުގައި އުފެދޭ ބޮޑެތި ރާޅު ބާނީތަކެއްގެ ސަބަބުން ކަމަށް މެޓުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގުމޫސުމުގެ ވިއްސާރައެވެ.
މިދިޔަ މެއިމަހުގެ ފުރަތަމަ ހަފުތާގައި ފެށުނު ހުޅަނގުމޫސުމުގެ ބާރުގަދަވެ ފާއިތު މިވީ މުއްދަތުގެ ތެރޭގައި ބައެއް ދުވަސްވަރު މޫސުން ވަރަށް ގޯސްވިއެވެ.
މިއަހަރުގެ އޮގަސްޓްގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ މަދުވާނެކަމަށް ބެލެވެއެވެ. ނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވުން އެކަށީގެން ވެއެވެ.
މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވެއެވެ.
މޫސުން: ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ