ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެެއްވޭނެކަން ކަށަވަރުވުމާއެކު މި ސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ހެއްދެވި ފަރާތަށް ހަމްދުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުން ނިންމީ އިލެކްޝަންސްގެ ނިންމުން ރަނގަޅުކަމަށެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނަކަމަށް ހުކުމްކުރެއްވީ ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމަށް އަބަދުވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ މިނިސްޓަރ އިމްރާން ވަނީ ސުޕްރީމް ކޯޓުން ހުކުމްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ﷲ އަކްބަރު ޖައްސަވައި ޓުވީޓެއް ކުރައްވާފައެވެ. އޭގެ ދެ ގަޑިއިރެއްހައި އިރު ފަހުން އިތުރު ޓުވީޓެއް ވެސް މިނިސްޓަރ އިމްރާން ވަނީ ކުރައްވާފައެވެ. އެ ޓުވީޓުގައި ވަނީ ﷲ އަށް ހަމްދުކުރައްވައި، މިއަދުން ފެށިގެން މި ގައުމުގެ ސިޔާސީ ހަޔާތް ނޭވާލާނީ މުޅިން އާ ހަޔާތަކަށް ކަމަށް ވިދާޅުވެފައެވެ.
މިހާރު އޮތް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ފޮނުއްވި ދައުވަތުގެ ސިޓީފުޅަށް އިޖާބަދިން ހަމައެކަނި ޕާޓީ އަކީ މިނިސްޓަރ އިމްރާނުގެ އަދާލަތު ޕާޓީއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީން އަށް ގެއްލިފައިވާއިރު، އެ ޕާޓީގެ ތެރޭގައި މި ހުކުމަށްފަހު ބައިބައިވުންތަކެއް އުފެދި، ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޕީއެމްގެ ސެނެޓް މެމްބަރުންގެ ބައްދަލުވުމުއް ކުރިއަށްދަނިކޮށް، ޕީޕީއެމް އޮފީހަށް އިތުރު ބަޔަކު ވަދެފައިވާ މައްސަލައެއް އެ ޕާޓީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ޕީޕީއެމް އޮފީސް ތެރޭގައި ޒުވާބުކޮށް އަޑުގަދަ ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެކު މިނިސްޓަރ އިމްރާން ކުރެއްވީ ﷲ އަށް ހަމްދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ