ސިޔާސީ ދާއިރާއިން ރިޓަޔާ ވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައި، އެމްއާރްއެމް ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަން އިއުލާން ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ، ވަކި އުމުރަކަށް ދިޔުމުން ރިޓަޔާކޮށް، ގައުމަށް ހިދުމަތް ކުރުން ހުއްޓާލުން އެއީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅެއް ނޫން ކަމަށެވެ. އެގޮތުން އެއްވެސް ބަޔަކު އެމަނިކުފާނު ސިޔާސީ ކަމަކަށް އިންތިހާބު ކުރައްވައިފި ނަމަ އެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"...ގައުމު ދެކެ ލޯބިވުމާއި، ގައުމަށް ހެޔޮ އެދުމާއި ހިދުމަތް ކުރުމަކީ ވަކި އުމުރަކަށް އަމާޒު ކުރެވިފައި އޮތް ކަމެއް ނޫން، ހިދުމަތުގައި ދެމިހުރުމަކީ އެމީހެއްގެ ހައްގެއް، ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑަށް އެފަދަ ފުރުސަތެއް ލިބި، އެކަމަށް ސިއްހަތު ތަންދޭނަމަ، އަޅުގަނޑު އެ މަސައްކަތެއްގައި އުޅޭނަން، ފެށުނީންސުރެ ނިމެންދެން ގައުމަށް ހިދުމަތް ކުރަން އަޒުމު ކަނޑައަޅައިގެން ހުރި މީހެއް އަޅުގަނޑަކީ" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ހިންގަވަމުން ގެންދަވާ މައުމޫން ރީފޯމް މޫވްމަންޓްގެ ނަން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" އަށް ބަދަލުކޮށް އެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާއިރު މިއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ޕާޓީއެވެ. އެގޮތުން އެންމެ ފުރުތަމަ އުފެއްދެވި ޑީއާރްޕީގައި މައްސަލަތަކެއް ޖެހި ދެ ފެކްޝަން އަކަށް ބެހުނު ފަހުން ޑީއާރްޕީ ދޫކޮށްލަވާ، ޕީޕީއެމް އުފެއްދެވިއެވެ. ނަމަވެސް މިއަދު މިވަނީ ޕީޕީއެމްއިންވެސް އެ މަނިކުފާނު ވަކިކޮށްފަ އެވެ. ޕީޕީއެމްގެ މިހާރުގެ މުސްތަޝާރަކީ ރައީސް މައުމޫން އަށް ބޮޑުބޭބޭފުޅު ކިޔުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްއެވެ.
ސިޔާސީ ދާއިރާއިން ރިޓަޔާ ވުމުގެ ވިސްނުންފުޅެއް ނެތް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ