ސައިކަލުގެ މަޑި ދަށުން ފެނުނު ޑްރަގުގެ މައްސަލައެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ބާތިލުކޮށް، އެ މައްސަލައިގައި ހިމެނޭ މީހާ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - މި މައްސަލައިގައި ހިމެނޭ، އައިހަމް މުހައްމަދު، މއ. ރުތު، ފުލުހުން ހުއްޓުވީ އޭނާ އާއި އެހެން މީހަކު ހުޅުމާލޭ ފެރީން ފޭބި ވަގުތުގަ އެވެ. އެގޮތުން:
މަސްތުވާތަކެތި ފެނުނީ އައިހަމް ދުއްވަން ހުރި ސައިކަލުގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން
ފުލުހުންގެ ތަހުލީލު ރިޕޯޓުން ދައްކާ ގޮތުގައި އެ ކޮތަޅުގެ ތެރޭގައި ހުރީ 246.7 ގްރާމުގެ ކެނެބިސް
އޭނާއަށް ކުރީ ޑްރަގް ޓްރެފިކިން ދައުވާ
ވީ ކިހިނެއް؟ - ދަށު ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފުކުރުމުން، ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ މަޑިދަށުގައި ހުރި މަސްތުވާތަކެތި ފެނުނު ސައިކަލަކީ އައިހަމްގެ ކޮންޓްރޯލުގެ ދަށުގައި ހުރި ސައިކަލެއް ނޫން ކަމަށެވެ. އޭނާ ބުނާ ބުނުން ސާބިތުކޮށްދެވިފައި ނުވާތީ، ޓްރެފިކިންގެ ސާބިތުވާ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ތަފްސީލް - މި މައްސަލައިން ދިފާއުވާން އައިހަމް ނެގީ މައިގަނޑު ދެ ކަމެކެވެ. އެއީ:
މަސްތުވާތަކެތި ފެނުނު ސައިކަލު ފެރީ މަތީގައި ހުރި 30 މިނިޓުގެ ތެރޭގައި އޭނާގެ ކޮންޓްރޯލް (ހިޔާޒަތު)ގެ ދަށުގައި ސައިކަލް ނެތް
މަޑިދަށަށް މަސްތުވާތަކެތި ލާފައި ވަނީ އޭނާ ފެރީއަށް ސައިކަލު އެރުވުމާއި ބޭލުމާ ދޭތެރޭ ހޭދަވީ ވަގުތުގެ ތެރޭގައި "ލަނޑެއް" ދޭން ވެގެން މީހަކު ލީއެއްޗެއް
މަސްތުވާތަކެއްޗާ ހަވާލުނުވި ނަމަވެސް، އައިހަމް ވަނީ ފުލުހުންގެ ތަހުގީގުގައި ސައިކަލު ފެރީއަށް އަރުވައި ބޭލުވީ އޭނާ ކަމަށް ބުނެފަ އެވެ. މަޑިދަށުން ފެނުނު މަސްތުވާތަކެތި ފިޔަވައި ދެން ހުރި އެއްޗެއްސާ ވެސް އޭނާ ވަނީ ހަވާލުވެފަ އެވެ.
ދައުލަތުން މިކަން ހައި ކޯޓުގައި ބޭނުންކުރީ އޭނާއާ ދެކޮޅަށެވެ. ދައުލަތުގެ ވަކީލުން ކޯޓުގައި ބުނި ގޮތުގައި:
ފެރީ މަތީގައި ހޭދަވީ ވަގުތަކީ މަޑިދަށަށް އެއްޗެއް ލާން އެކަށީގެންވާ ވަގުތެއް ނޫން
މަސްތުވާތަކެތި ފެނުނީ މަޑިދަށުގައި އޮތް ހެލްމެޓެއްގެ ދަށުން
އައިހަމްގެ ކުޑަކަމުދާތަކެތި ކެނެބިސްއަށް ޕޮޒިޓިިވް
ފަނޑިޔާރުގެ ބަސް - ހައި ކޯޓުން އިއްވި ހުކުމުގައި، މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން މަޒީދު ފާހަގަކުރެއްވި ގޮތުގައި:
ޓްރެފިކިން މިންގަނޑަށް ބަލަނީ 14 ގްރާމު؛ ލަނޑެއް ދޭން 246 ގްރާމު ލާފާނެ ކަމަކަށް ނުބެލެވޭ
ސައިކަލުގެ ހިޔާޒަތު ގެއްލުނު ގޮތެއް ސާބިތުކޮށްދެވިފައި ނުވާތީ، އައިހަމް ޑްރަގުގެ ޒިންމާ ނަގަން ޖެހޭ
ބެންޗުގައި ދެން ތިއްބެވި، ފަނޑިިޔާރު ހުޒައިފާ މުހައްމަދު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ މި ރައުޔަށް ތާއީދުކުރައްވާފަ އެވެ.
މަޑި ދަށުން ފެނުނު ޑްރަގުގެ މައްސަލައިން ދަށު ކޯޓުން ސަލާމަތްވީ މީހަކު އުމުރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ