މަޖިލިސް ހުއްޓިފަ އޮންނަ އޮތުމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ: ޑރ. އަހުމަދު އަބްދުﷲ ދީދީ

މަޖިލިސް ހުއްޓިފައި އޮންނަ އޮތުމުގެ ޒިންމާ މަޖިލީހުގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު ލިބިގެންވާ މަޖިލިސް މެންބަރުން، އަދި ވަކިން ޚާއްޞަކޮށް މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ މެންބަރުން އުފުލަންވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލިސް އޮތް ހާލަތުގައި، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި އެ ޕާޓީން ބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ވަރަށް ސާފުކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ޤަވާޢިދު އިޞްލާޙު ކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށެވެ.
އަދި މަޖިލިސް ހުއްޓިފައި އޮންނަ އޮތުމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ އިދާރީ މުވައްޒަފުން އެކަނި ނޫންކަމަށާއި އޭގެ ޒިންމާ މަޖިލީހު އަމިއްލަ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު ލިބިގެންވާ މަޖިލިސް މެންބަރުން، އަދި ވަކިން ޚާއްޞަކޮށް މެޖޯރިޓީ ކޮންޓްރޯލްކުރާ ޕާޓީގެ މެންބަރުން އުފުލަންވާނެކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަދަ ބޮޑު މައްސަލައެއްގައި އާންމު މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްގެން ކަމަށް އެ މައްސަލައިގެ އަޑުއެހުމުގައި މަޖިލީހުގެކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައިވުމުން އެކަމަށް ރައްދުދެއްވައި އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ މީގެ ކުރިންވެސް ދެ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ ގަވާއިދު ވެސް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނީ "މިހާރު ވެސް މިމައްސަލައިގައި މަސްލަހަތު އޮންނަ ފަރާތުގެ" ނުފޫޒު އޮވެގެން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނާ ކަމަށެވެ.
އެހެންކަމުން މަޖިލީހުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަކީ މިހާރު އޮތް ހާލަތުގައި ކުރެވޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށާއި އެކަމުގައި ބޭނުންވަނީ ކޯޓުގެ ނިންމުމެއް ކަމަށް އެމްޑީޕީގެ ފަރާތުން ދެކޭކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ ބ.ގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ގޮތެއް ނިންމުމުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހިނދުގައި މަޖިލީހުގެ ގަވާއިދުގެ 44ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލަޒިމްވާނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނޫނީ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރާއިމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205ވަނަ މާއްދާގެ ރ.ގައި ބަޔާން ކޮށްފައިވާތި، މިހާރު ހުށަހަޅާފައިވާ ގަރާރާއި މެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވާ ދެއްވުމަށް އެދިއެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ މިދިޔަ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހަށެވެ. އޭގެ ފަހުން ދެހަފްތާ ވެފައިވާއިރު މި މައްސަލަ އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައި ނުވަނީ މެމްބަރު އީވާއަށް ޑެންގޫ ހުން ޖެހި، އާލާސްކަންފުޅު ރަނގަޅު ނުވާކަމަށް ވިދާޅުވެ، ސަލާމް ފޮނުއްވަމުން ގެންދަވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅައި ކުރިއަށްގެންދަން މަސައްކަތްކުރާ ހާލަތުގައި ރިޔާސަތު ބަލަހައްޓަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއެވެ.
ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންގޮސްފިނަމަ މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ