ހަވީރު ސްޕޯޓްސް އެވޯޑުގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފި

ދުވަހު ނޫސް ހަވީރު އޮންލައިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ "ހަވީރު ސްޕޯޓްސް އެވޯޑުގެ" މި އަހަރުގެ ޕާޓްނަރުންނަށް އުރީދޫ އާއި އެސްޓީއޯ އަދި މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
ކުރިއަށް އޮތް ހަވީރުގެ 22 ވަނަ ސްޕޯޓްސް އެވޯޑްސްގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެއްސި މި ތިން ފަރާތާއެކު ސޮއިކުރީ ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގަ އެވެ.
ހަވީރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަވީރު މީޑިއާ ގްރޫޕުގެ ޑިރެކްޓަރު ލީނާ މުހައްމަދު ޒާހިރު ހުސެއިނެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުސްލިހް މަސީހެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތެވެ.
މި ފަހަރު ވެސް ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް ޓީވީއެމް ހަމަޖެއްސިއިރު، އެޑްވަޓައިޒިން ޕާޓްނަރަކަށް ހަމަޖެއްސީ ތިންކް އެސޯސިއޭޓްސް އެެވެ. އޮފިޝަލް ކޭޓަރިން ޕާޓްނަރަކީ ސަލްސާ އިންވެސްޓްމަންޓެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސާއި ސޮނީ ސްޕޯޓްސް އާއި އެމްއެޗްއޭ އަދި ބީއެޗްއެމް އެވެ. މީގެ ތެރެއިން ސޮނީ ސްޕޯޓްސް އަކީ ހަވީރު ސްޕޯޓްސް އެވޯޑްސް ފެށުނީއްސުރެ ބައިވެރިވަމުން އަންނަ ކުންފުނި ކަމަށް ހަވީރުން މައުލޫމާތު ދެއެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގައި ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު އަދި ރެފްރީ ހޮވަ އެވެ. މީގެ އިތުރުން ވޮލީބޯޅަ އާއި ބާސްކެޓްބޯޅައިގައި އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާ އާއި ދެ ޖިންސުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހޮވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ