އީރާނަށް އެންމެ ރަނގަޅު ގޮތަކީ އެމެރިކާއަށް އަމާން ދިނުން، އެހެންނޫނީ އީރާނުގެ ދުވަސް ދުއްވާލާނަން: ޓްރަމްޕް
ވޮޝިންޓަން (28 ފެބްރުއަރީ 2026) : އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާކަމަށާއި އީރާނަށް އެންމެ ރަނގަޅު ގޮތަކީ އެމެރިކާއަށް އަމާންދިނުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި މިއީ އީރާނުގެ ނުރައްކާތެރިކަމާ ގުޅިގެން އެމެރިކާގެ އަމިއްލަ ދިފާއުގައި ފެށި ހަނގުރާމައެކެވެ. ވީޑީއޯ އަކާއެކު ސޯޝަލް މީޑީއާ ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ލަނޑުދަނޑިއަކީ އީރާނުގެ ނުރައްކާތެރިކަމުން އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމެވެ. އީރާނަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ގައުމުކަމަށް ސިފަކުރައްވަމުން އީރާން ގެންދަނީ ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާން ސިފައިންނަށް އޮތީ އެމެރިކާއަށް އަމާންދިނުމެވެ. ސަލާމަތްވާނީ އޭރުންނެވެ. އެމެރިކާއަށް އަމާންދިނުމުން ހަނގުރާމައިގެ މަރުހަލާ ނިންމާލަން އެމެރިކާއަށް ވަރަށް ފަސޭހަވާނެކަމަށާއި އަމާން ނުދީފިނަމަ އީރާނުގެ ހުރިހާ ލަޝްކަރުތަކެއް މުޅިން ފުނޑާލާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އީރާން ބުނާގޮތުން އެމެރިކާއާއި އިސްރާއީލު ގުޅިގެން ރޭ ފަތިހުވަނީ ވަރަށް ފުޅާދާއިރާއެއްގައި އީރާނުގެ އެތަން މިތަނަށް އުދުވާނީ ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މާއްދީ ގެއްލުންތައް ލިބި އާންމުންގެ އެތައް ބަޔަކު ޝަހީދުވެ އަދި އިތުރު ބަޔަކު ޒަޚަމްވިކަމަށްވެސް އީރާން ބުނެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ހަމަލާދިން ތަންތަނުގެ ތެރޭގައި އީރާނުގެ ރިޔާސީ ގަނޑުވަރުވެސް ހިމެނެއެވެ. އެއީ ރައީސް ޑރ. މަސްއޫދު ބަޒިޝްކިޔާން އަވަހާރަކޮށްލަން ދިން ހަމަލާތަކެއްކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ބަޒިޝްކިޔާންއަށް އެއްވެސް ގެއްލުމެއް ލިބިވަޑައި ނުގަންނަވާކަމަށް ވެއެވެ. ޔަހޫދީ އިސްރާއީލު ވަނީ އީރާނަށް ހަމަލާދިނުމުގައި ބައިވެރިވިކަން ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށްވެސް އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއް ބުނެއެވެ. އީރާނުގެ އަސްކަރިއްޔާ ބުނާގޮތުން އީރާން ގެންދަނީ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތު ތަކަށާއި އިސްރާއީލަށް ރައްދު ހަމަލާ ދިނުމަށް ތައްޔާރުވަމުންނެވެ. އެމެރިކާ އާއި އިސްރާއީލުން ހަނގުރާމަ ފެށީ ކަމަށާއި ނަމަވެސް ހަނގުރާމަ ނިންމާނީ އީރާނުންކަމަށް އީރާނުގެ އަސްކަރީ ބަޔާނެއް ބުނެއެވެ. އީރާނަށް ހަމަލާދިނުމަށްފަހު އިސްރާއީލު ގެ އެއާޕޯޓްތަކާއި ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް ޔަހޫދީން ވަނީ އީރާނުގެ ރައްދު ހަމަލާތަކުން ފިިލުމަށް ބިންގަރާސްތަކަށް ވަދެފައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ސްޓްރެޓެޖީ އަކީ ހަނގުރާމަ ދިގުދަންމާލުމެވެ. އަދި އީރާނުން އަވަސް އަރައިގަނެގެން ރައްދުވެސް ނުދޭނެކަމަށާ އީރާނުން ރައްދު ދޭނީ ވަރަށް ފަރުވާތެރިވެ ބޮޑު ގެއްލުމެއް އިސްރާއީލަށް ލިބޭނެ ގޮތަށްކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވިއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ މި ފެށީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމާއެކު ވާހަކަދައްކަމުން ގެންދާ ވަގުތެއްގައެވެ. ކުރިން މިދިޔަ އަހަރު އިސްރާއީލު އިސްވެ އީރާނަށް ހަމަލާދިނީވެސް އެމެރިކާ އީރާނާއެކު މައްސަލަ ހައްލުކުރަން ވާހަކަތައް ދައްކަމުން ގެންދަނިކޮށެވެ. ރޭގައިވެސް ޓްރަމްޕް ވަނީ ޑިޕްލޮމެޓިކް ވަހަކަތަކުގެ އިތުރު ބުރެއް އީރާނާއެކު ކުރިޔަށް ގެންދަން ވިސްނާކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ޖަލީލް ސަރަހައްދުގެ އެތަށް އިމާރާތްތަަކަކަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ