ގޯސްކަމެއް ކުރަން އިރުޝާދުދީ ސޮއިކޮށްފައިވާ ލިޔުމެއް އޮތްނަމަ، ހާމަކުރަން މޭޔަރު އާޒިމް ގޮވާލައްވައިފި

ގޯސްކޮށް ކަމެއް ކުރުމަށް އިރުޝާދުދީ ސޮއިކޮށްފައިވާ ލިޔުމެއް އޮތްނަމަ ހާމަކުރުމަށާއި، އެފަދަ ލިޔުމެއް އޮތްނަމަ އެންމެ ހިނދުކޮޅަކުވެސް މަގާމުގައި މަޑުނުކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު އާޒިމް ވަނީ ތަކުރާރުކޮށް، އޭނާގެ ދައުރުގައި ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ، މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް މީގެ ކުރިން ދެމުން އައީ ނުވަ ތަނެއް ކުއްޔައް ނަގައިގެން ކަމަށްވީ ނަމަވެސް، އެ ޚިދުމަތްތައް މިހާރު އެއް އިމާރާތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި އެއީ ޚިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއަށް އެތައް ފަސޭހަތަކެއް ވާނޭ ކަމެއް ކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އާޒިމް ވަނީ، ސިޓީ ކައުންސިލުން ކެޓް ޝެލްޓާ އަޅައި ނިންމީ އެންމެ ތިން މަސް ދުވަހުން ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ވަނީ އެ ތަން ކައުންސިލްގެ ދަށުން ނަގައި، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މޭޔަރު ވަނީ، ކެޓް ޝެލްޓާ ހިންގަނީ އެނިމަލް ވެލްފެއާ މިނިސްޓީރީގެ ބެލުމުގެ ދަށުން ކަމަށްވީ ނަމަވެސް މިނިސްޓްރީން މަސްއޫލިއްޔަތު އަދާ ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހަމައެއާއެކު، ވިލިމާލެ ފަދަ މާލޭގެ އަވަށްތަކުގައި ގޮނޑުކޮށްފައިވާ ބައިވަރު ތަންތަން ކައުންސިލުން ސާފުކޮށްފައި ވާނޭ ކަމަށާއި ނަމަވެސް ބައެއް ކައުންސިލަރުން އުޅުއްވަނީ ''މީހުންނަށް ބިންތައް ބެހުމުގެ މުއާމަލާތްތަކުގައި ކަމަށް'' އާޒިމް ތުހުމަތު ކުރެއްވިއެވެ. ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ ކައުންސިލުގައި، ބައެއް ކައުންސިލަރުން މުނިސިޕަލް ކަމެެއްގެ ވާހަކަ ދެއްކެވި އަޑު ނާހާކަން މޭޔަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން، 30،000 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައި ވާނޭ ކަމަށާއި، 300 އެއްހާ މަގު ހަދާފައި ވާކަންވެސް މޭޔަރު ވަނީ ފާހަގަކޮށްފައެވެ. އާޒިމް ވަނީ ޖޯކު ޖަހާ މީހުންނަށާއި މަލާމާތް ކުރާ މީހުންނަށް ދެއްވާ ރައްދަކީ އެއީ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މާލެއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް އިހަށްވުރެން، އިންތިހާއަށް މިހާރު ހައްލު ލިބިފައި ވާކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ