އެންމެންނާ ގުޅިގެން ސަރުކާރުން ކުރާ ވިޔާނުދާ ކަންކަން ހުއްޓުވަން ބޭނުން: ޔާމީން އެންމެންނާ ގުޅިގެން ސަރުކާރުން ކުރާ ވިޔާނުދާ ކަންކަން ހުއްޓުވަން ބޭނުން: ޔާމީން

އެންމެންނާ ގުޅިގެން ސަރުކާރުގެ ގޯސްތައް ހުއްޓުވަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ޔާމީން ވިދާޅުވީ ފިކުރުގެ ގޮތުންނާއި ޕޮލިޓިކަލް އައިޑޮލޮޖީގެ ގޮތުން ދިމާނުވިޔަސް، ބޮޑު ޝައިތާނަކު ދުއްވާލުމަށް ދެ ޝައިތާނުން ވެސް އެއް ގަލަކަށް އަރާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންވޭ ހުރިހާ އެންމެންނާ ގުޅިގެންވެސް އެނގޭތޯ މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންތައްތައް ހުއްޓުވޭނެ ގޮތެއް ހަދަން. އެއީ ފިކުރުގެ ގޮތުން، ޕޮލިޓިކަލް އައިޑޮލޮޖީގެ ގޮތުން އަޅުގަނޑުމެން ދިމާނުވާތީ ނޫނީ އަޅުގަނޑުމެން ގަބޫލުނުކުރާ ކަންތައްތަކެއް ހުރީމައެއް ނޫން. އެކަމަކު ދެ ޝައިތާނުން ވެސް އެއްގަލަށް އަރާނެ ދެއްތޯ އެއަށްވުރެ ބޮޑު ޝައިތޯނަކު ދުއްވާލަން ވެއްޖެއްޔާ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ވެރިކަމުގައި ހިނގާ ކޮންމެ ދުވަހަކީ ރައްޔތިުންނަށް އެތައް ބައިވަރު އުނދަގޫތަކާ ގިލަންވެރިކަމެއް އުފެދޭ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ހުރިހާ އެންމެން ގުޅިގެން މި ސަރުކާރުން ހިންގާ ގޯސް ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެކުގައި ކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީންއާ މަޝްވަރާ ކުރާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ، އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު މިދިޔަ ޑިސެމްބަރު މަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވި އެވެ.
"އޭގެތެރޭގައި އަޅުގަނޑުމެންނާ އެކީގައި އަދި އިތުރަށް މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި، އެއީ އަޅުގަނޑުމެން ނޫނަސް ކުރީގައި ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ އެ ބޭފުޅުންނާ އެކީގާ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔުން،" ސޯލިހު އޭރު ވިދާޅުވި އެވެ.
ސޯލިހުގެ އެ ވާހަކައަށް ބާރު ދެއްވަމުން ނަޝީދު ހަނދާން އައު ކޮށްދެއްވީ ޔާމީންގެ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫންއާއެކު ކުރެއްވިކަމެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫން އާއެކު މަސައްކަތް ކުރެއްވި ގޮތަށް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައީސް ޔާމީންއާއެކު ވެސް މަސައްކަތް ކުރެއްވޭނެ ކަމަށެވެ.
ނަޝީދުގެ ވާހަކަ ފުރިހަމަކޮށްދެއްވަމުން ސޯލިހު ވިދާޅުވީ ޔާމީންއާއެކު މަސައްކަތް ކުރެވޭނެ މަގު ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ