ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް މިދިޔަ އޭޕްރީލް މަހު ޕެންޝަން އޮފީހުން ހުޅުވާލާފައި ވަނިކޮށް، މިދިޔަ މެއި މަހު ތަސްދީޤުކުރި ޕެންޝަނާ ބެހޭ ޤާނޫނުގެ ހަވަނަ އިސްލާޙާއި ގުޅިގެން އެ މަޤާމަށް އަލުން މިވަނީ ކުރިމަތިލާން ހުޅުވާލާފައެވެ.
ޕެންޝަން އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އަލަށް އައްޔަންކުރާ ސީއީއޯގެ މައިގަނޑު މަސްއޫލިޔަތަކީ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވުމެވެ. މިއީ، އެ މުއައްސަސާއަށް އަންނަމުންދާ މުހިންމު ބަދަލުތަކާއެކު، އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން އެ އޮފީހުން ފާހަގަކުރެއެވެ. މީގެ އިތުރުން ޤާނޫނީ ބަދަލުތައް ތަންފީޒުކޮށް، މުއައްސަސާގެ އިދާރީ ހިންގުމުގެ ޒިންމާތައް އުފުއްލެވުމަށް ސީއީއޯ އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތް ހެދުމަށް ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ، މިދިޔަ މަހުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައަޅައި، ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުންނެވެ. އަދި ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބެކެވެ.
މީގެ އިތުރުން ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަންވެސް މި އިސްލާޙުގެ ދަށުން ވަނީ ކަނޑައަޅުއްވާފައެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަކީ، އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހެއްތޯ ނުވަތަ އަސާސީ ޕެންޝަން ޙައްޤު މީހެއްތޯ ބެލުމުގައި އަމަލުކުރަންވާ އުސޫލުތަކާއި އިޖުރާއަތްތައް މާލީ ވުޒާރާގެ މަޝްވަރާއާއެކު ކަނޑައަޅަން ޖެހޭނީ ޕެންޝަން އޮފީހުގެ ބޯޑުންނެވެ. މި ބިލުގައި އަސާސީ ޕެންޝަން ލިބެމުންދާ މީހަކު، ޤާނޫނުއަސާސީގެ ދަށުން ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމަކަށް އަތުވެއްޖެނަމަ ނުވަތަ ދައުލަތާއި ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ގުޅިއްޖެނަމަ އެ މީހަކަށް ޕެންޝަން ނުލިބޭނެކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ގެދޮރު ގަތުމަށްޓަކައި ނުވަތަ އިމާރާތް ކުރުމަށް އަދި މަރާމާތު ކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ޕެންޝަން ފަންޑުގެ ފައިސާއިން ކޮލެޓަރަލައިޒް ކުރެވޭނެ ކަމަށްވެސް ބިލުގައިވަނީ ބަޔާންކޮށްފައެެވެ. މިކަމަށް ޚާއްސަ ޤަވާއިދެއް ހަދަންޖެހޭއިރު މިފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ، ބޭންކުން ދޫކުރާ ލޯނަކަށް ނުވަތަ ފައިނޭންސް ކުރާ ކުންފުންޏަކުން އަދި މާލީ މުއައްސަސާއަކުން ދޫކުރާ ލޯނުތަކަށެވެ.
ޓަރމިނަލް އިލްނަސް ކަމަށް ބިލުގައި ބުނެފައިވަނީ، ސިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް 12 މަސް ދުވަހަށްވުރެ ދިގުމުއްދަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެ ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާ ހާލަތްތަކެވެ. އެ ހާލަތުގައި އެ މީހާގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރެވޭނެއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް އަލުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ