މައުރޫފާއި އިތުރު ބަޔަކަށް ދައުވާކުރަން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.މައުރޫފާއި ޒާޔާގެ އިތުރުން ދެން މި މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވީ ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްސަލައެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރަން ނިންމީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ގައި އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެންނެވެ.މި މައްސަލަ ނިންމި ގޮތުގެ ލިޔުން މިހާރު ފޮނުވާފައި އޮތް އިރު، ޒާޔާ އާއި މައުރޫފް ވަނީ އެ ލިޔުން އާންމު ކުރައްވައިފަ އެވެ.އެ ލިޔުމުގައިވާ ގޮތުން މައްސަލަ ނިމުނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.ލިޔުމުގައި މައްސަލައިގެ ބާވަތުގައި ވަނީ ޣައިރު ގާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހާއަށް ހުރަސް އެޅުމުގެ ކުށެވެ.އެމްޑީޕީގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުން ފެށުމަށް ފަހު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސް އެޅި އެވެ.އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. އޭގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ