ހަނގުރާމަ ފެށިފައިވާ މެދުއިރުމަތީ ދިރިއުޅޭ ދިވެހީންގެ ކަންކަން އެބަ ބަލަން، އެހީވާން ތައްޔާރު: ފޮރިން މިނިސްޓްރީ
މެދުއިރުމަތީގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ، މަސްރަހު ހޫނުވަމުންދާތީ އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެހީވާން ތައްޔާރުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، މެދުއިރުމަތީގެ މަސްރަހު މިވަގުތު އޮތް ގޮތުން އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން، އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ނެރޭ ސަލާމަތީ އިރުޝާދުތަކާއި އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި، އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ރާއްޖޭގެ އެމްބަސީތައް ހުރި ގައުމުތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބަސީތައް އޮތީ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޔޫއޭއީގެ، އަބޫދާބީއާއި ދުބާއީގެ ބައެއް ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުވަނީ އިވިފައެވެ. ގިނަ އަދަދެއްގެ ދިވެހީން، ޔޫއޭއީ، ސައުދީ، އަދި ގަތަރުގައި އެކި ބޭނުންތަކުގައި ދިރިއުޅޭއިރު މި ހަމަލަތަކާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ފްލައިޓުތައް ވެސް ކެންސަލްކުރާނެ ކަަމަށް ބެލެވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. މިގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، މެދުއިރުމަތީގައި އެމެރިކާ ސިފައިން ގާއިމުވެ ތިބޭ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ފޮނުވައިފައެވެ. ދެފަރާތުގެ މެދުގައި ބަދަލުކުރެވެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަން ވަނީ މަޖުބޫރުވެފައެވެ. https://sun.mv/218491 އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން، ފާއިތުވި ދުވަސްތަކުގައި ގިނަ ގައުމުތަކުން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި ރައްޔިތުން ސަމާލުވުމަށް އަންގާފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް އިލްތިމާސްކޮށްފައެވެ. އީރާނުން މީގެ ކުރިންވެސް ވަނީ އެ ގައުމަށް ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ