އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށައިފި
އެމެރިކާ އާއި އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް އިސްވެ ހަމަލާ ދޭން ފަށައި ހަނގުރާމައިގެ ހާލަތަށް މެދުއިރުމަތި ވެއްޓިއްޖެ އެވެ.ތަފްސީލެއް ނުދީ މިކަން އެންމެ ފުރަތަމަ ކަށަވަރުކޮށްދިނީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީންނެވެ. އޭގެ އިރުކޮޅެއް ފަހު އެމެރިކާގެ އޮފިޝަލަކު އަލް ޖަޒީރާއަށް ވިދާޅުވި ގޮތުގައި މިއީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާއެކެވެ. އީރާނަށް ހަމަލާ ދެމުންދާއިރު އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ތެހެރާންގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހާމަނާއީ ވަނީ ރައްކާތެރި ތަނަކަށް ގެންގޮސްފަ އެވެ.އީރާންގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނީ ވެރިރަށް ތެހެރާންގެ ދެ ދިމާލަކުން ދުން އަރަމުންދާތަން ފެންނަ ކަމަށެވެ. އޭގެ ކުރިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުނު ކަމަށް ވެސް ބުންޏެވެ. އެކަމަކު އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ތިން ހަމަލާއެއް ދީފައިވެ އެވެ. އީރާނުން މިހާރު ވަނީ ވަކި ގޮތަކަށް އަންގަންދެން ވައިގެ ސަރަހައްދު މަދަނީ އެއާލައިންތަކަށް ބަންދުކޮށްފަ އެވެ. އެ ގައުމުގެ މޯބައިލް ފޯން ނެޓްވޯކަށް މި ވަގުތު މައްސަލަތައް ދިމާވެފައި ވާއިރު އިންޓެނެޓްގެ ހިދުމަތް ކަނޑާލުން އެކަށީގެންވާ ކަމަށް ވަނީ ބެލެވިފަ އެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ދަނިކޮށް ހަމަލާ ދީފައި ވާއިރު މަޝްވަރާތައް ހޮސްޓުކުރާ އޮމާނުން ވަނީ އީރާނުން ނިއުކްލިއާ މެޓީރިއަލް ސްޓޮކްޕައިލްކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށާއި އެހެންވެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ