ޑޮކްޓަރ ޢަބްދުލްކަލާމް އަވަހާރަވުމާގުޅިގެން ހުޅުއްވާފައިވާ ތަޢްޒިޔާގެ ފޮތުގައި ރައީސް މައުމޫން ސޮއިކުރައްވައިފި

އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރ ޢަބްދުލްކަލާމް އަވަހާރަވުމާގުޅިގެން މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގައި ހުޅުއްވާފައިވާ ތަޢުޒިޔާ ފޮތުގައި މިއަދު ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސޮއިކުރައްވައިފިއެވެ.
މިކަމަށްޓަކައި އެމަނިކުފާނު އިންޑިއަން ހައިކޮމިޝަނަށް ވަޑައިގަތުމުން، މަރުޙަބާ ވިދާޅުވީ ހައިކޮމިޝަނަރ މިސްޓަރ ރަޖީވް ޝަހާރޭއާއި އެ ހައިކޮމިޝަންގެ އިސްބޭފުޅުންނެވެ.
ތަޢްޒިޔާ ފޮތުގައި ސޮއިކޮށްދެއްވުމަށް ވަޑައިގެންދެއްވީތީ އެމަނިކުފާނަށް އިންޑިއާ ހައިކޮމިޝަނަރ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.
ރައީސް މައުމޫނަށް މަރްޙަބާ ވިދާޅުވުމަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖް އަލްފާޟިލް ޢަބްދުﷲ ޙަމީދުވެސް ހުންނެވިއެވެ.
ރައީސް މައުމޫން ތަޢްޒިޔާ ފޮތުގައި ލިޔުއްވި ބަޔާނުގައި ޑޮކްޓަރ ޢަބްދުލްކަލާމް އަވަހާރަވުމަކީ އިންޑިޔާއަށާއި މުޅި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މައުމޫން 2005 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭރުގެ ރައީސް ޑޮކްޓަރ ޢަބްދުލްކަލާމްއާއި ބައްދަލުކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންނެވިކަމަށާއި ޑޮކްޓަރ ޢަބްދުލްކަލާމްގެ ޙިކްމަތްތެރިކަމާއި ޢިލްމުވެރިކަމުން އެމަނިކުފާނަށް އެތައް ފައިދާއެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލެއްވީ މަރްޙޫމް ޑޮކްޓަރ ޢަބްދުލްކަލާމްގެ ޢާޢިލާއަށާއި، އިންޑިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް ތަޢްޒިޔާ ވިދާޅުވަމުންނެވެ. އަދި ޑޮކްޓަރ ޢަބްދުލްކަލާމްގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ