އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދާ މައްސަލަ ސުޕްރީމް ކޯޓަށް

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޓުއަރިޒަމަ މިނިސްޓަރ ކަމުގައި ހުންނަވައިގެން އެމިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަން އެދިވެޑައިގެންނެވީ ބޭސްފަރުވާގެ ކުރައްވަން ވަޑައިގެން، ފަރުވާގެ ކަންކަން އަދި ނުނިމޭތީ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ. އަދި، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ދެއްވުމުން، ދައުލަތުން ކްރިމިނަލް ކޯޓުގައި ގާޒީގެ ނިންމެވުން އިއުތިރާޒުކުރުމަށްފަހު މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
ނަމަވެސް އެ ނިންމުމަކީ އިޖުރާއީ ނިންމުމެއް ކަމުގައިވާތީ އެފަދަ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ދަށު ކޯޓުގައި މައްސަލައާމެދު މައުޟޫޢީ ގޮތެއްގައި ގޮތެއް ނިންމުމަށްފަހުގައި ކަމަށް ހައިކޯޓުން ނިންމައި އިސްތިއުނާފުކުރި މައްސަލަ ބޭރުކޮށްލާފައިވެއެވެ.
މީގެއިތުރުން، ޕީޖީއިން ބުނެފައިވަނީ ހައިކޯޓުގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ