ސަރުކާރުގެ ފަރާތުން ހިމާޔަތް ދޭންޖެހޭ ފަރާތްތަކަށް އިހުމާލުވާ ތަނެއް ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ގާނޫނުލްއުގޫބާތައް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާ ކުރުން ހުއްޓުވުމަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނަށް ސަރުކާރުން ދެއްވާ ސެކިއުރިޓީގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހިމާޔަތް ދޭންޖެހޭ ފަރާތަކަށް އިހުމާލުވާތަން ނުފެންނަ ކަމަށެވެ.
ރައީސް ނަޝީދަށާއި އަދި އެނޫން މީހުންނަށްވެސް ސަރުކާރުން ފުރިހަމަ ރައްކާތެރިކަން ދެމުންދާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ގާސިމް ވަނީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާ ކުރުން ހުއްޓުވުމަށް ހުށަހަޅުއްވާފައިވާ ބިލަކީ މުހިންމު ބިލެއްކަން ފާހަގަކުރައްވާ ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ގާސިމް ވަނީ ބިލަށް އިތުރު އިސްލާހެއްވެސް ހުށަހަޅުއްވާފައެވެ.
މެމްބަރު ހިސާން ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގަ އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް ގާސިމް ވަނީ ހަމައެކަނި އިސްލާމް ދީނަށް ތައުހީނު ކުރާކުރުމަށް އިތުރުބައެއް ހިމަނައިދިނުމަށް އެދިފައެވެ. އެގޮތުން ގާސިމް ވިދާޅުވީ ކީރިތިރަސޫލާއަށާއި ކީރިތިގުރުއާނަށް އަދި އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ކުށެއްގެ ގޮތުގައި ހިމަނައިދިނުމަށް ގާސިމް އެދިލައްވާފައިވެއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަށްވާއިރު ރާއްޖޭގައި މީހުން މެރުމަށާއި އިންސާނިއްޔަތާއި ޚިލާފް ކަންކަމަށް ޖާގަދެވިގެން ނުވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ހިމާޔަތް ދޭންޖެހޭ ފަރާތްތަކަށް ސަރުކާރުން އިހުމާލެއްނުވޭ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ