އަމީން ބަންދުން ދޫކޮށްލުމުގައި ގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ނެތްކަމަށް ނިންމައިފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.ޖޭއެސްސީން މިއަދު ބުނި ގޮތުގައި، އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ވަނީ ނިންމައިފަ އެވެ. އަދި އޭނާގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.އޮކްޓޯބަރު 23، 2020 ގައި ހައްޔަރުކުރި އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި ހުސްވި 2021 ވަނަ އަހަދުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަމީން ގޭ ބަންދަށް ބަދަލުކުރީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ. އެކަމާ ގުޅިގެން އިސް ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުނެވެ.ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2021 މެއި ހަތަރުވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ނޯޓިސްދީފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލަ، ތަހުގީގުކޮށް އެ މައްސަލަ ސާބިތުނުވާ ކަމަށް މިއަދު ބޭއްވި ކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.މީގެކުރިން ވެސް، ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި، އޭނާ ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކުރުމާ އެކު އައި ފިޔަވަޅެކެވެ.އޭގެފަހުން ފެމެލީ ކޯޓުގައި ހުންނެވުމަށް ފަހު އޭނާއަށް އަނެއްކާވެސް ކުރިމިނަލް ކޯޓުގެ ގާޒީކަން ދިނީ އެވެ. ފަހުން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވުމާ އެކު، އެ މަގާމަށް އޭނާ އެކަނި ކުރިމަތިލެއްވުމުން މަގާމަށް އައްޔަންކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ