އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުތަކުގައި އެނާޖީ އެފިޝަންޓް މިންވަރު ބުނެދޭން “ހަކަތަރި” ސްޓިކާ ބޭނުން ކުރަން ފަށައިފި އެވެ.
ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން ލޭބަލް ޖެހުމަށް ހުއްދަ ލިބުނު ފުރަތަމަ ކުންފުންޏަކީ އެސްޓީއޯ އެވެ. އެގޮތުން އެ ކުންފުނިން ރާއްޖެ އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން އޭސީ، އައިސް އަލަމާރި އަދި ދޮންނަ މެޝިނުގައި މިހާރު ހަކަތަރި ލޭބަލް ހަރުކޮށްފައި ހުންނާނެ އެވެ.
ކަރަންޓު ސާމާނުގައި ހަރުކުރާ ހަކަތަރި ލޭބަލްގެ ބޭނުމަކީ ކަރަންޓު ސާމާނު ބޭނުންކުރާ ހަކަތައިގެ މިންވަރު ބަޔާންކޮށް، އެންމެ އެނާޖީ އެފިޝަންޓް ތަކެތި ދެނެގަތުމެވެ. އެއް ތަރިން ފެށިގެން ގޮސް ފަސް ތަރިއަށް ލޭބަލްގެ މަތީގައި ފެންނަން އިންނަ ހަކަތައިގެ މީޓަރުން އެ އެއްޗެއްގެ އެފިޝަންޓް މިންވަރު ބުނެދޭނެ އެވެ.
އެގޮތުން އެންމެ އެނަޖީ އެފިޝަންޓް ކަރަންޓު ސާމާނަށް ލިބޭނީ ފަސް ތަރި އެވެ. އެފިޝިއަންސީ ލެވެލް މަތިވާ ވަރަކަށް އެ އެއްޗަކުން ބޭނުންކުރާ ކަރަންޓުގެ މިންވަރު މަދުވާނެ އެވެ. އަދި ކޮންމެ އަހަރަކު ބޭނުންކުރާނެ ކަރަންޓުގެ މިންވަރުވެސް ހަކަތަރި ލޭބަލުން ފެންނަން ހުންނާނެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޕްރޮޑަކްޓް ތަކުގައި ހަކަތަރި ލޭބަލް ބޭނުންކުރުމުގެ ޕްރޮގްރާމް އިފުތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އެސްޓީއޯ ފަދަ ކުންފުންޏަކުން ހަކަތަރި ލޭބަލް ބޭނުންކުރަން ފެށުމަކީ އެ ޕްރޮގްރާމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންވެސް އެ ޕްރޮގްރާމަށް ހޭލުންތެރިވުން އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯއިން ވިއްކާ ކަރަންޓު ސާމާނުގައި ކަރަންޓު ބޭނުންކުރާ މިންވަރު ބުނެދޭ ލޭބަލް ޖަހަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ