ނަސްރުގެ ދުވަހުގެ ތަހުނިޔާ ކީ ގޮތުން ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ހައިލަމްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބަލައިގަނެ އެ މައްސަލަ ތަހްގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މިއަދު ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް އެވެ. އެނގިފައިވާ ގޮތުގައި ޖޭއެސްސީއިން ހައިލަމްގެ މައްޗަށް ބަލަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން، ކުރިމިނަލް ކޯޓްގެ ރެކުރިއޭޝަން ކުލަބުގެ ވައިބާ ގުރޫޕަށް އޭނާލީ ބޭ އަދަބީ ކާޓޫނެއްގެ މައްސަލައިގަ އެވެ. އެ ކާޓޫނުން ފެންނަ ގޮތުގައި، ނޮވެމްބަރު ތިނެއްގެ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ އާއި ސަގަރު އިބްރާހިމް ނާސިރާއި އެ ހަމަލާގެ އެހެން ވެސް އިސް ފަރާތްތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވަނީ ޗެންޖޭނު ޖަހައިފަ އެވެ. އަދި އެ ޗެންޖާނުގެ އެއްކޮޅުގައި ހިފަހައްްޓައިގެން ހުންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސެއިން އާދަމް އެވެ. އަދި އެ ކާޓޫގައި ލިޔެފައި ވަނީ؛ "އެ އިއްޒަތާއި ގަދަރު މިއަދު ފޭރިގެންފި" މިހެން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ