މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ނުބާއްވާގޮތަށް ނިންމައިފި

މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ނުބާއްވާގޮތަށް ނިންމައިފިއެވެ.
ރައީސްގެ ދެކަނބަލުން މާދަމާ އީދު ސަލާމް ކުރެއްވުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވައިޓް އެލާޓު ނެރެފައެވެ. އެގޮތުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ރަށްތަކަށާއި ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާންކޮށްފައެވެ. އެކަން އިއުލާންކޮށްފައިވަނީ އެ މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމުގައެވެ.
ޖޫން މަހުގެ ތިނެއްވާ ހޯމަ ދުވަހުގެ އިރުއޮއްސުމަށްފަހު ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށާއި ގިނަ އިސްލާމީ ގައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހުޅަވި ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ޔަގީންވާތީއާއި އިސްލާމީ ބައެއް ގައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ހަބަރު ރަސްމީގޮތުން ލިބިފައިވާތީއާއި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގެ އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރެއްވާ އަންގާރަ ދުވަހަކީ 1440 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ