ލުތުފީ ރާއްޖެ ނުގެނެވުނީ އުމަރު ބޭނުން ނުވެގެން ކަމަށް އިމްރާން ވިދާޅުވުމުން ކުރީގެ ތިން ސީޕީއަކު ރައްދުދެއްވައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ދިވެހި އެމްބަސީގެ ހިމާޔަތުގައި، ލަންކާގައި މިހާރު ހުރި، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ، އޭރުުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަށް، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރުން އެކަމަށް ރައްދުދެއްވައިފި އެވެ.
ލުތުފީ ރާއްޖެ ގެނައުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި، މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އާއި، ރައީސް ޔާމީންގެ ސަރުކާރުން، ލުތުފީ ރާއްޖެ ގެނައުމަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުން މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، 2014 ވަނަ އަހަރު އޮތް ރައީސް ޔާމީންގެ ސަރުކާރުގައި ފުލުހުން ކުރި މަސައްކަތުން، ލުތުފީ ފިލައިހުރި ތަނަކާއި، އޭނާގެ މުއާމަލާތްތައް ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.
އަދި ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ފުލުހުން ކުރި މަސައްކަތްތައް ވަރަށް ފަހުގެސްޓޭޖަކަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭރުގެ ހޯމް މިނިސްޓަރު (އުމަރު ނަސީރު)ގެ އެޕްރޫވަލްއެއް ނުލިބިގެން އެކަން ނުކުރެވުނީ ކަމަށް އިމްރާން ވިދާޅުވިއެވެ.
މި ކަމާ ގުޅޭ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދާކަށް ނުޖެހޭނެ، ގާނޫނުގައިވާ ގޮތަށް ކަން ކުރުމަކީ ފުލުހުންނަށް ލާޒިމުކަމެއް" ކަމަށެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މި މައްސަލައާ ގުޅިގެން، އޭނާގެ ފޭސްބުކްގައި ލިޔުއްވި ތަފުސީލީ ޕޯސްޓެއްގައި ވިދާޅުވީ، ލުތުފީ ހޯދުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ހޯމް މިނިސްޓަރު ވެސް ހާއްސަ އިސްކަމެއް ދެއްވި ކަމެއް ކަމަށެވެ.
ހުސެއިން ވަހީދު ވިދާޅުވީ ރައީސް ޔާމީން އަދި އުމަރު ނަސީރު ވެސް ލުތުފީ ހޯދައިގެން ރާއްޖެ ގެންނާން މަސައްކަތް ކުރެއްވި ކަމަށާއި އެކަން ލިޔެކިޔުންތަކުން ވެސް ފެންނާން ހުންނަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ އެޖެންޑާގައި ވެސް ލުތުފީގެ މައްސަލަ ހިމެނިފައި ވާނެ ކަމަށާއި އެ ދަތުރުފުޅުގައި އެ ގައުމުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ލުތުފީގެ މައުލޫމާތު ހިއްސާވެސް ކުރެވިފައިވާ ކަމަށް ހުސެއިން ވަހީދު ވިދާޅުވި އެވެ. އަދި އެދަތުރުފުޅަށް ފަހު ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ކުރި ރަސްމީ ދަތުރުގައި ވެސް ލުތުފީގެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމަށް ހުސެއިން ވަހީދު ވިދާޅުވި އެވެ.
"އޭރު ލުތުފީ އުޅުނީ ފިލައިގެން. އަދި މައުލޫމާތު ލިބޭ ގޮތުން ކޮންމެވެސް ވަރަކަށް ސިފަވެސް ބަދަލުކޮށްގެން. އެހެންވެ މިނިސްޓަރު އުމަރު ނަސީރުގެ ލަފާގެ މަތީން އެކަން ވެސް ވާނީ ލަންކާގެ ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކޮށްފަ. ހޯމް މިނިސްޓަރު އިމްރާން ގެ ވާހަކަފުޅަކީ އަމިއްލަފުޅު ޚިޔާލީ ވާހަކަފުޅެއް. މަޖިލީހުގައި އިމްރާން ދެއްކެވި ވާހަކަފުޅަކީ މެންބަރުންނަށް އޮޅުވައިލެއްވުމަށް ކުރެއްވި ދަށު ދަރަޖައިގެ އަމަލެއް." ހުސެއިން ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ގެ ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވެސް ވަނީ ވިދާޅުވެފަ އެވެ.
ދުވަހު ނޫސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި، އޭރު އިންޓެލްގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި އަރީފް ވިދާޅުވީ އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް އެގޮތަށް ކޮންމެ މީހަކު ބުނެގެން ނަމަވެސް އިމްރާން ދައްކަވާފައިވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހުތިރާމު ކުރާ ބޭފުޅެއް އިމްރާންއަކީ، އެކަމަކު މަޖިލީހުގައި އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް، ލުތުފީ ގެންނަން ކުރި މަސައްކަތާއި އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، އެކަން ހޯމް މިނިސްޓަރު އުމަރު ކުރެއްވީ އަޅުގަނޑާ ގުޅިގެން،" އަރީފް ވިދާޅުވި އެވެ.
ލުތުފީ ރާއްޖެ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ވަޒީރަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ