"ތަރައްޤީގައި ހުރިހާ ރައްޔިތުން ހިއްސާވޭ، މިއީ މުޅި ޤައުމަށް ލިބުނު އެވޯޑެއް"

ރާއްޖެ ތަރައްޤީ ކުރެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތުގައި ހުރިހާ ރައްޔިތުން ހިއްސާވާކަމަށާއި، އެހެންކަމުން "އެޗް.އާރު.ޑީ" އެވޯޑަކީ ހުރިހާ ރައްޔިތުންނަށް ލިބުނު އެވޯޑެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"އޭޝިއާ އެޗް.އާރް.ޑީ އެވޯޑްސް 2017" ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް 5 އަހަރު، ރާއްޖޭގެ ތަރައްޤީގެ އެއްވެސް މަޝްރޫޢުއަކަށް ހުއްޓުމެއް ނާންނާނެކަމަށާއި، އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު މި 5 އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވެގެންދާނެކަމަށެވެ.
އަދި ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމުގައި، މިހާރު ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި، ރާއްޖެއަށް އެންމެ ފައިދާހުރި ދާއިރާތަކުގެ ބޭނުން ހިފުމަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
މުސްތަގުބަލުގައި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވޭނެ، ސުލްހަވެރި އަދި ކުރިއަރާފައިވާ ޤައުމަކަށް ވުމަށާއި، މިނިވަން، ބާރުވެރި، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން، ޤައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީގައިވާ ޤައުމުކަމެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، މިހާރު ސަރުކާރުން ކުރިއަށްގެންދަވާ ތަފާތު މަޝްރޫޢުތައް ނިމުމުން 90،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމުގައި ވިދާޅުވެ، އޭގެ ނަތީޖާއެއްގެ ގޮތުން، އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު މި 5 އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ