ސްރީލަންކާގެ ރައީސް މައިތްރިޕަލާ ސިރިސޭނާ އަށް ހަ އަހަރު ވެރިކަމުގައި ހުންނެވިދާނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސްރީލަންކާގެ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ރައީސް ކަމުގެ މަގާމު ފުރުއްވަން ލިބިވަޑައިގަންނަވާ ފުރަތަމަ ފަސް އަހަރުގެ ދައުުރު ނިމުމުން އިތުރު އެއް އަހަރު ވެރިކަމުގައި ދެމިހުންނެވުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތްތޯ ކަށަވަރުކުރުމަށް ސިރިސޭނާގެ ފަރާތްޕުޅުން ލަންކާގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ.
2021 ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެއްލެވުމަށް ސިރިސޭނާ ސްޕްރީމް ކޯޓުގައި އެދިވަޑައިގަތީ މިހާރު އެގައުމުގެ ގާނޫނު އަސާސީގައި ބުނާ ފަސް އަހަރުގެ ވެރިކަމުގެ ދައުރަކީ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގާނޫނު އަސާސީއަށް ގެންނެވި ބަދަލަކަށްވާތީ އެވެ. ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވި އިރު އެގައުމުގައި ވެރިކަން ކުރާ ރައީސް އަށް ވެރިކަމުގެ ދައުރެއްގެ ގޮތުގައި ހަ އަަހަރު ލިބެ އެވެ.
މިމައްސަލާގައި ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ ސިރިސޭނާއަށް ވެރިކަމުގައި ހަ އަހަރު ދެމިހުންނެވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، 9 ޖެނުއަރީ 2015 އިން ފެށިގެން ހަ އަހަރުގެ ދައުރެއްގައި ވެރިކަން ކުރެއްވުމަށް ސިރިސޭނާ އަށް ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ސްރީލަންކާގެ ބަންޑާރަނައިބު ޖަޔަންތާ ޖަޔަސޫރިޔާ ވެސް ވިދާޅުވީ ސިރިސޭނާ ރައީސް ކަމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީ އަށް ބަދަލު ގެންނެވުމުގެ ކުރިން ކަމަށާއި، އެހެންކަމުން ހަ އަހަރު ވެރިކަމުގައި ދެމިހުންނެވުމަށް ސިރިސޭނާއަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ވެރިކަމުގެ ދައުރު ފަސް އަހަރަށް ކުޑަކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ސިރިސޭނާގެ ސަރުކާރު އައިފަހުން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރީ 225 މެންބަރުންގެ ތެރެއިން 215 މެންބަރުން ތާއީދު ލިބިގެންނެވެ.
އެއްބޭފުޅަކަށް ޖެހިޖެހިގެން ވެރިކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށް ކަނޑައަޅާ، މިނިވަން މުއައްސަސާތަކުގެ ބާރުތައް ގާނޫނު ހަދާ މަޖިލީހުން އިޔާދަ ކޮށްފައިވަނީ ސިރިސޭނާގެ އިންތިހާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް އެކަން ވަތީ އެވެ. އޭއީ އޭރު ލަންކާގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމުގެ ގޮތުން ސިރިސޭނާ އެޅުއްވި ފިޔަވަޅެކެވެ.
ސިރިސޭނާ އަށް ހަ އަހަރު ވެރިކަމުގައި ހުންނެވިދާނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ