ސުނާމީ ގެތައް ލަސްވާތީ ދާންދޫ ރައްޔިތުން ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ސުނާމީ ކާރިސާގައި ގއ. ދާންދޫން ގެދޮރު ހަލާކުވި ފަރާތްތަކަށް ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ ގެތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދާންދޫ ރައްޔިތުންގެ ތެރެއިން 74 މީހަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ސުނާމީގައި ގެއްލުން ލިބުނު ގެތަކުގެ ބަދަލުގައި 88 ގެ އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނާ 2008 ވަނަ އަހަރުގެ ތެރޭގައި ހަވާލުކުރި ނަމަވެސް އަދިވެސް އެ މަސައްކަތް ނިމިފައި ނުވާ ކަމަށެވެ.
ސުނާމީ ކާރިސާގައި 88 ގެ ވީރާނާމުވާ ގުޅިގެން އެގެތަކުގެ މީހުން ދިރިއުޅެމުން ގެންދަނީ މާލޭގެ ރައްޔިތުން ފްލެޓްތަކުގައި އުޅޭފަދަ ދަތިހާލުގައި ކަމަށް އެ ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ވިމްލާ ކޮންސްޓްރަކްޝަނާއި ސަރުކާރާ ގުޅިގެން އެ މަސައްކަތަށް އެމްޓީސީސީން ގެނައި ތަކެއްޗަށް އަގު ނުލިބިގެން ރައްޔިތުންގެ މާލިއްޔަތު ކެމެޓީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް ޚަބަރެއްނުވާ ކަމަށެވެ.
ކަންތައް އެގޮތަށް ވެފައި ވަނިކޮށް އެ ގެތަކުގެ މަސައްކަތް ކުރުމަށް ވިމްލާ ކޮންސްޓްރަކްޝަނުން އެރަށަށް ފޮނުވި ބަޔަކު އެ ރަށުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށާއި ނަމަވެސް މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބޭތީ އާއި އެ މީހުންނަށް މުސާރަ ނުދޭތީ އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށް ނުދާ ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.
ވިމްލާ ކޮންސްޓްރަކްޝަނުން މަސައްކަތް ކުރިއަށް ނުގެންދާތީ ސަބްކޮންޓްރެކްޓްގެ އުސޫލުން އެގެތަކުގެ ވެރިފަރާތުން އަމިއްލައަށް ގެތަކުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ފުރުސަތު ހުޅުވާލައި ގއ. އަތޮޅު ކައުންސިލް އިދާރާ އިން އެ ރަށު ކައުންސިލްގައި އެދިފައިވާ ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.
އަތޮޅު ކައުންސިލުން އެގޮތަށް ފުރުސަތު ހުޅުވާލިނަމަވެސް އެއީ އެގެތަކުގެ ވެރިފަރާތްތަކުން ބޭނުންވާ ގޮތެއް ނޫންކަމަށާއި އެ ފަރާތްތަކުން ބޭނުންވަނީ ސަރުކާރުން ބަޔަކާ ހަވާލުކުރުމަށް ފަހު ގެތަކުގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.
އެ ޕެޓިޝަންގައި ވަނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގެތަކުގެ މަސައްކަތް ނިންމައި ވެރިފަރާތްތަކާ އެގެތަށް ހަވާލުކޮށް ދިނުމަށް ރައީސް ވަހީދަށް އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ