ހަތަރު ސަތޭކަ ޔުނިޓާ ހަމަޔަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖާއެކު ފަސް މަސް ދުވަހުގެ ސަބްސިޑީ ދޭގޮތަށް ހަމަޖައްސައިފި
19:00މާލޭގައި 400 ޔުނިޓާ ހަމަޔަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖުގެ އިތުރުން މިމަހުން ފެށިގެން ފަސް މަސް ދުވަހު ވަންދެން ސަބްސިޑީ ވެސް ދޭ ގޮތަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އެންސްޕާ އިން ހަމަޖައްސައިފި އެވެ.ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ ޓާކްސް ފޯހުން އެމައްސަލަ ހައްލުކޮށް މިމަސް ނިމުގެ ކުރިން އިޢުލާންކުރާނެ ކަމަށް ކުރިން އިޢުލާންކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ހަމައެކަނި އިޢުލާން މި ކުރެވުނީ މާލޭ ސަރަހައްދުގެ ކަރަންޓް ޔުނިޓްތަކަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ އުސޫލު ކަމަށެވެ. އެގޮތުން އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އެއް ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޗާޖުކުރި މިންވަރަށް ވުރެ ދަށްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އަދި މިދިޔަ މަހުން ފެށިގެން ހަ މަސް ދުވަސް ވަންދެން ޑޮމެސްޓިކް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖު ވެސް ދައްކައިދޭނެ ކަމަށާއި އޭގެ ތެރޭގައި 400 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ ގެތައް ވެސް ހިމެނޭ ކަމަށް ވަހީދު ވިދާޅުވި އެވެ.ވަހީދު އަދި ވިދާޅުވީ މިއަހަރު ކުރީކޮޅު ސަރުކާރުން 15،704 ފަރާތަކަށް ސަބްސިޑީ ދޭން ފެށި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ސަބްސިޑީ ބޭނުން ކަމަށް އެދިފައި ނުވާ 8،805 ފަރާތަށް ވެސް މާޗާއި އެޕްރީލް މަހުގެ ސަބްސިޑީ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެބައި މި މަހާއި މިދިޔަ މަހުގެ ކަރަންޓު ބިލުން އުނިކުރާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.ވަހީދު ވިދާޅުވީ އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މާލޭގައި ކަރަންޓް ބޭނުންކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ފަރާތްތަކަށް ސަބްސިޑީ ލިބިގެންދާނެ ކަމަށެވެ.އަލަށް ހަމަޖެއްސި އުސޫލާ އެއްގޮތަށް ކަރަންޓް ބިލު ހެދުން ލަސްކުރުމަށް ސްޓެލްކޯ އަށް މިހާރު އަންގާފައިވާނެ ކަމަށް އެންސްޕާ އިން ބުނެ އެވެ. އަދި މިހާރު ސަބްސިޑީ ދިނުމަށް ހަމަޖައްސާފައިވާ މުއްދަތަށް ފަހު ސަބްސިޑީ ދެން ލިބޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް އެންސްޕާ އިން ބުނެ އެވެ.އެންސްޕާއިން ކަރަންޓް ސަބްސިޑީ ދިނުމަށް ކަނޑައަޅާފައިވާ އާ މިންގަނޑު ހާމަކޮށްފައިމިވަނީ ކަރަންޓްގެ އަގު ކުޑަކުރުމަށް ގޮވާލާ އިދިކޮޅު ޑީއާރުޕީން މިރޭ މުޒާހަރާއެއް ބާއްވާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ