ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން މިއަދު ހަވީރު ކަރަންޓް ކެނޑިފައިވާއިރު އަދި ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ނުލިބޭތީ އެމައްސަލަ ހައްލުކުރުމަށް އިންޖީނިއަރުންގެ ޓީމެއް އައްޑޫއަށް ފޮނުވައިފިއެވެ.
އައްޑޫއަށް ކަރަންޓު ދެމުން އަންނަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިރޭ ވިދާޅުވީ، ކަރަންޓު ކެނޑެން ދިމާވި އަސްލު ސަބަބު ނޭނގޭތީ އެކަމަށް ހައްލެއް ހޯދުމަށް މިރޭ 12:15 ގެ ފްލައިޓުން އިންޖީނިއަރިން ޓީމެއް އައްޑޫއަށް ދާނެ ކަމަށެވެ.
ސައީދު ވަނީ ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަކަމަށައި އެގޮތުން ވަރަށް އަވަހަށް ކަރަންޓު ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އިންޖީނިއަރިން ޓީމެއް އެރަށަށް ފޮނުވީ ކަރަންޓު ފޯރުކޮށް ނުދެވިދާނެތީ ދިމާވެގެން އުޅޭ އަސްލު މައްސަލަ ހޯދުމަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުނީ އަށެއް ވެސް ޖެހި ފަހުންނެވެ. އަދި މިހާތަނަށް ވެސް ކަރަންޓު ނުލިބޭ ބައެއް ސަރަހައްދުތައް އޮތްއިރު އެ ސަރަހައްދުތަކުގެ މީހުން ނިދަން ޖެހިފައި މިވަނީ މަގުމަަތީގައި ކުނާ އަދި ފޮށިގަނޑު ފަދަ ތަކެތި އަޅައިގެންނެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ފޮޓޯތަކުން ވެސް ކުޑަކުދިންތަކެއް މަގުމަތީގައި ކައި ނިދާ މަންޒަރު ފެނެއެވެ.
އައްޑޫއިން ކަރަންޓު ކެނޑިފައިވަނީ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ސެންޓްރަލް ޕަވާ ސްޓޭޝަނުގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ސަރުކާރުތަކުގައި ކުރަމުން އަންނަތާ ވެސް އަހަރުތަކެއް ފާއިތު ވެއްޖެ އެވެ.
ކަރަންޓު މައްސަލަ ހައްލުކުރަން އިންޖީނިއަރުންގެ ޓީމެއް އައްޑޫ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ