ހިޔާނާތްތެރިވި ކަމަށް ބުނެ ގާސިމް ގޮވައިގެން ޖާބިރު ފުލުހަށް، ޖޭޕީން ގޮވާލީ ދޮގު ނުހަދާ ތައުބާވުމަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ދިން ފަސް މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފުލުހަށް މައްސަލަ ހުށަހެޅުމުން ޖޭޕީން ރައްދު ދީފި އެވެ.
ޖާބިރާ ހަވާލާދީ އޮންލައިން ނޫހެއްގައި ބުނެފައި ވަނީ، ގާސިމަށް ފަސް މިލިއަން ރުފިޔާ ދީފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކުރައްވައި، އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.
އަދި އެ ފައިސާ ގާސިމަށް ދިނުމަށް އެއްބަސްވީ ސިޔާސީ ގޮތުން ގާސިމަށް ލިބޭ ފައިދާ ހޯދައި ދިނުމަށް ޝަރުތުކޮށް ކަމަށް ޖާބިރާ ހަވާލާދީ ބުނެފައިވެ އެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅަން ނިންމީ އެ ފައިސާ އަށް ހިޔާނާތްތެރިވެ ޝަރުތުތަކާ ހިލާފުވުމުން ކަމަށްވެސް ބުނެފައިވެ އެވެ.
ޖާބިރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމާ ހަވާލާދީ ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ، ޖާބިރު ގާސިމަށް ފައިސާތަކެއް ދިން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.
”ބުނެލަން އޮތީ ޖާބިރު މިފަދަ ބުހުތާނު ދޮގު ވާހަކަ ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލައި ހެއްދެވި ފަރާތަށް އަވަހަށް ތައުބާވުމަށް. އިންސާނުންގެ ކަރާމާތަށް އަރައިގަތުމަށް އަބްދުﷲ ޖާބިރު ކުރައްވާ މި ނާތަހުޒީބު އަމަލުތައް މިހާރު މި ގައުމުގައި ވަނީ ބޮޑު ޖޯކަކަށް ވެފައިވާކަން ފާހަގަވޭ،“ އަލީ ސޯލިހު ވިދާޅުވި އެވެ.
ޖާބިރު ވަނީ، މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި، ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެ ފައިސާ ހޯދަން ޖާބިރު ވަނީ ފުލުހަށާއި ކޯޓަށްވެސް މައްސަލަ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ