ދަސްވާރު ޕްރޮގްރާމް ނިންމައި މަހަކު 16،000 ރުފިޔާ މުސާރަ ހޯދާ ދަރިވަރުން އެބަތިބި: ޑރ. ޢާއިޝަތު ޝިހާމް

ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބައަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމް ފުރިހަަމަކޮށް މިހާރު ވެސް މަހަކު މުސާރައަށް 16،000 ރުފިޔާ ހޯދަމުން ގެންދާ ޒުވާނުން އެބަތިބިކަމަށް ތައުލީމީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޑރ. ޢާއިޝަތު ޝިހާމް މިމޭރުމުން ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިދިއަ އަހަރު ކުރިއަށް ގެންދިއަ ދަސްވާރު ޕްރޮގްރާމްގެ ދަރިވަރުންނަށް ސަނަދު ދިނުމަށް ރޭ ޣިޔާސުއްދީން ސްކޫލްގައ ބޭއްވި ރަސްމިއްޔާތުގައެވެ. އެއީ ދަސްވާރު ޕްރޮގްރާމް ފުރިހަމަކޮށް އެއާކޮންޑިޝަނިންގ އިންޖިނޭރެއްގެ ވަޒީފާ، އެސްޓީއޯގައި އަދާކުރާ ޒުވާނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންނަށް އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މަސައްކަތް ދަސްކޮށްދީގެން ކޮންމެ ދަރިވަރަކީވެސް މުޖުތަމައުއަށް ބޭނުންތެރި ދަރިވަރަކަށް ހެއްދެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ރައީސަކީ ހަމައެކަނި ރައީސުލްޖުމްހޫރއިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށެވެ، އަދި މިފަދަ ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ކޮންމެ ކުއްޖަކީ ފޮތުން ކިޔަވަން މޮޅުވާނެ ކުއްޖެއް ނޫން ކަމަށާއި ފޮތުން ކިޔަވަން ނުވަތަ ސްކޫލުގައި ދެވޭ ޢާންމު ތައުލީމަށް މޮޅުވަން ހުރަސްއެޅޭ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލްތަކުގައި ތިބޭ ކަމަށެވެ. އަދި މިހައިތަނަށް އެފަދަ ކުދިންނާއިމެދު އަމަލުކުރަމުން އައި ގޮތުން އެފަދަ ދަރިވަރުން އައީ ބާކީވަމުން ކަމަށެވެ.
ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ރައީސް ޔާމީނުގެ ވިސްނުންފުޅަކީ ކޮންމެ ދަރިވަރަކީވެސް ހުނަރުވެރި މޮޅު ދަރިވަރަކަށް ހެއްދެވުން ކަމަށާއި ދަސްވާރު ޕްރޮގްރާމުގެ ތެރެއިން އެ މަޤްޞަދު ދަނީ ޙާޞިލުކުރެވެމުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވިސްނުންފުޅުގައި ހަމައެކަނި މޮޅު ދަރިވަރުންނަކީ ވަކި ތައުލީމަކުން މޮޅުވާ ދަރިވަރުން ނޫން ކަމަށާއި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ދަރިވަރަކީވެސް ޤައުމަށް ބޭނުންތެރި ޚިދުމަތްތަކެއް ކޮށްދެވޭނެ ދަރިވަރެއް ކަމަށެވެ. "ކޮންމެ ދަރިވަރަކީވެސް މުހިންމު ދަރިވަރެއް" ކަމަށެވެ.
ޑރ. ޢާއިޝަތު ޝިހާމް ވިދާޅިވީ ދަސްވާރު ޕްރޮގްރާމް ހިންގަން މިހާރު 231 ކުންފުންޏެއްގެ އެހީތެރިކަން ލިބޭ ކަމަށެވެ. އަދި މިދިއަ އަހަރަށް ބެލިނަމަވެސް ރާއްޖެތެރޭގެ ސްކޫލްތަކުން 800އަށްވުރެ ގިނަ ދަރިވަރުން މިޕްރޮގްރާމް ފުރިހަަމކުރި ކަމަށާއި މާލޭ ސަރަހައްދުގެ ސްކޫލްތަކާއިއެކު 1000 އަށްވުރެ ގިނަ ދަރިވަރުން ދަސްވާރު ޕްރޮގްރާމް ފުރިހަަމަކުރި ކަމަށެވެ.
މިޕްރޮގްރާމް މިހައިތަނަށް ފުރިހަަމަކުރި ދަރިވަރުންގެ ތެރެއިން 80 އިންސައްތަ ދަރިވަރުން މިހާރު ގެންދަނީ މަތީ ތައުލީމު ހާޞިލުކުރަމުން ކަމަށާއި މިޕްރޮގްރާމް މިހައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވެނީ ބެލިނވެރިން ދެމުން ގެންދާ ތަރުޙީބު ބޮޑުކަމުންކަން ވެސް ޑރ. ޢާއިޝަތު ޝިހާމް ވަނީ ފާހަަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ