ޑީއާރުޕީއާ އެކު ކޯލިޝަން ހެދުމާ މެދު އަޅުގަނޑުމެން ގޮތެއް ނުނިންމަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ޑީއާރުޕީގެ ކައުންސިލުން ރޭ ނިންމި ނަމަވެސް އެކަމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ ޑީއާރުޕީއާ އެކު ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ނިންމުމުގެ އިހުތިޔާރު ޖުމްހޫރީ ޕާޓީގެ ކައުންސިލުން ދޫކޮށްލާފައި ވަނީ އޭނާ އަށް ކަމަށެވެ. އަދި ޑީއާރުޕީއާ އެކު ކޯލިޝަން ހެދުމާ މެދު ޕާލަމެންޓްރީ ގުރޫޕްގައި ވާހަކަ ދައްކާފައިވަނީ "ވަރަށް ކުޑަކޮށް" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ކޯލިޝަން ނުހަދަން ވެސް ނުވަތަ ހަދަން ވެސް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑީއާރުޕީ ތެރޭގައި ކަންތައް ވާ ގޮތް ވެސް އެންމެންނަށް އެބަ އެނގޭ. އަޅުގަނޑުމެން ބޭނުމެއް ނޫން ބައެއްގެ ތަޅާފޮޅުމުގެ ތެރެއަށް ވަންނާކަށް. އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެނޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ]ތަޅާފޮޅުންތަކުގެ[ ވިކްޓިމަކަށްވެ ހުންނާކަށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީއާ އެކު ކޯލިޝަން ހެދުމާ މެދު ޖުމްހޫރީ ޕާޓީން ވަކި ގޮތެއް ނުނިމި ވަނީ "އަޅުގަނޑު ގޮތެއް ނުނިންމާތީ" ކަމަށެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރިކަން މަޖިލިހަށް އެންގުމަށްޓަކައި ޑީއާރުޕީން ރޭ ވަރަށް ދަންވަރު ވަނީ ސިޓީއެއް ވެސް ތައްޔާރުކޮށްފަ އެވެ. އެ ސިޓީ މިއަދު މަޖިލިހަށް ރަސްމީކޮށް ހުށަހަޅަން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު އެކަން އެހެން ގޮތަކަށް ބަދަލުވީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރަން ޖުމްހޫރީ ޕާޓީން އެއްބަސްނުވުމުންނެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން ހުށަހަޅާފައި ވަނީ މުހިންމު ބިލްތަކެކެވެ.
"އަޅުގަނޑަކީ އަބަދުވެސް އިސްލާހަށް ލޯބިކުރާ މީހެއް. ސަރުކާރުގެ އިގުތިސޯދީ އެޖެންޑާއެއް އެބައޮތް. ޓެކްސް ނެގުމުގެ ނުލާހިކު މުހިންމު ބިލްތަކެއް އެބަހުރި ސަރުކާރުން ފޮނުވާފައި. އަޅުގަނޑަކީ ޓެކްސް ނެގުމުގެ ނިޒާމަށް ތާއީދުކުރާ މީހެއް. އެހެންވީމަ މުޅި ގައުމުގެ ފައިދާ އަށް މަސައްކަތްކުރަން އަޅުގަނޑުމެން ބޭނުންވަނީ. ތަޅާފޮޅުމެއްގެ ތެރެއަށް ވަދެގަންނާކަށް ނޫން ބޭނުންވަނީ. މިހެން ދަންނަވާއިރު ވެސް ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ވެސް ކުޑަކުރަންޖެހޭ،" ކުރީގެ ރައީސް މައުމޫންގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގައި ވެސް މަސައްކަތްކުރެއްވި ގާސިމް ވިދާޅުވި އެވެ.
ޑީއާރުޕީން އަވަސް އަރުވާލާފައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ނިންމީ ދެ ޕާޓީން މަޝްވަރާކުރުމަށް ފަހު ތޯ ދެންނެވުމުން ގާސިމް ވިދާޅުވީ "ކޯލިޝަން ހެދުމަކީ އެ ބައެއްގެ ކަމެއް" ކަމަށާއި "އަޅުގަނޑުމެން އެކަމާ މެދު އަދި ނުވިސްނަން" ކަމަށެވެ.
ރޭ ބޭއްވި ޑީއާރުޕީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ނިންމީ އެ ބައްދަލުވުމުގައި ބައިވެރިވި 17 މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު އެ ބައްދަލުވުމުގައި ޒެޑް ފެކްޝަނުން ބައިވެރިއެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ޑީއާރުޕީން ނިންމީ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބެހުމުގެ މައްސަލައިގައި، ވެރިކަންކުރާ އެމްޑީޕީ އާއި ޑީއާރްޕީއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކުރެވޭނެ އެއްވެސް އަލިމަގެއް ނުފެނުމުން ކަމަށް ޑީއާރުޕީން ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިފި ނަމަ ޑީއާރުޕީ އާއި ޕީއޭ އަދި ޖުމްހޫރީ ޕާޓީ ކޯލިޝަންގައި ހިމެނޭ މަޖިލީހުގެ މެމްބަރުންގެ އަދަދު 34 އަށް އަރާނެ އެވެ. އެއީ އެމްޑީޕީގެ މެމްބަރުންގެ އަދަދާ އެއްވަރުގެ އަދަދެކެވެ. އެހެންވެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ ކޮބައި ކަމުގެ ސުވާލު ފެންމަތިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ