ގާސިމް ހައްޔަރުކޮށްފައި ހުރީ އިޖުރާތުތައް ފުރިހަމަ ނުކޮށް: ސުއޫދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ހުންނެވީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ގާސިމް ހައްޔަރުކުރި މައްސަލާގައި ސުއޫދު ފުރަތަމަ ފަރަހަށް މީޑިއާގައި ވާހަކަދައްކަވާފައި މިވަނީ މިއަދު ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސުއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ އެ މެންބަރަކު ހައްޔަރުކުރަން ވާނީ ޕްރޮސެކިއުޓާ ޖެނަރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ކަމަށެވެ. އަދި މެންބަރަކު ހައްޔަރުކުރާނަމަ މަޖިލީހުގެ ރައީސް އެމައްސަލަ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅަންޖެހޭ ކަމަށާއި ނަމަވެސް ގާސިމު ހައްޔަރުކުރިއިރު އެ މަރުހަލާ ވެސް ފުރިހަމަ ކުރައްވާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އިމްތިޔާޒު ގާނޫނުގެ މާއްދާތަކެއް އުވާލެވިގެން ދިޔައިރު އެގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އުވާލެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މެންބަރަކު ހައްޔަރުކުރާނަމަ އެ މާއްދާއަށް އަމަލުކުރަންވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅަކަށް ނޫން އެއޮތީކީ އެ އަމުރުގައި ހިމެނިފައި މަޖިލީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ދެއްތޯ؟ ނުކެއްދޭ ގޮތަށް. އެއީ އެ މާއްދާގެ އަޅުގަނޑުމެންނަށް 13 (ހ) އުވާލެވިފައެއް ނެތް އެ ހުރިހާ މާއްދާތަކެއް އޭރު އުވިގެން ދިޔައިރު ދެއްތޯ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ. އެހެންވީމާ އަޅުގަނޑަށް ހީވަނީ އެ އިޖުރާތުތައް ފުރިހަމަ ނުކުރެވި މަޖިލީހުގެ ރައީސް އަނެއްކާ ކޮމިޓީއެއް ވެސް ނުބާއްވާ ދެއްތޯ ކޮމިޓީއަކަށް ވެސް އެކަން ނާންގާ. ފެކްސް އެއް ފޮނުވި ކަމަށް ބުނެވޭ. ފެކްސްއެއް މަޖިލީހުގެ އެތެރޭގައި ހުންނަ އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ފެކްސް އެއް ފޮނުވި ވާހަކައެއް ވެސް އެބައިވޭ،" ސުއޫދު ވިދާޅުވި އެވެ.
ކުރިން ފަނޑިޔާރު ކަންވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވީ ގާސިމް އިބްރާހީމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ އިތުރަށް ގާސިމްގެ ބަންދުގެ މައްސަލާގައި ގާނޫނީ އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވަކި މައްސަލައެއް ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ނިންމަވާނީ ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުން ކަމަށާ އެކަމަކު މިހާރު މިވަނީ ހައްލުކުރަންޖެހޭ ދުސްތޫރީ މައްސަލައެއް ދިމާވެފައި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ދެން ނޭނގޭ ލޯޔަރުންގެ ވިސްނުން ހުރި ގޮތެއް. ތި ބަންދުގެ އަމުރުގެ ކަންތަކުގައި ހައިކޯޓަށް ދިޔައީމާ ހަމައެކަނި ބަންދާ ދޭތެރޭގައި ގޮތެއް ނިންމާނީ. އެހެންނަމަވެސް މިނިކުންނަ ދުސްތޫރީ މައްސަލައަށް ހައްލެެއް ލިބިދާނެއެކޭ ހިތަކަށް ނާރާ. ހައިކޯޓުން ގޮތެއް ނިންމަވެސްފާނެ ކަންނޭނގޭ. ލެޓް ސީ ދެއްތޯ. އެކަމަކު ރަނގަޅަކަށް ނޫން އަޅުގަނޑުވެސް ދެކޭ ގޮތުގައި އެކަން ގޮސްފައި އެއޮތީކީ،" މިހާރު އަމަލުކުރަމުންދާ ގާނޫނު އަަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ އައްޑޫ އަތޮޅުގެ މެންބަރު ކަންވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށްވާތީ ގާސިމްގެ ބަންދާ މެދު ހައިކޯޓުން ގޮތެއް ނިންމަވާއިރު ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސުއޫދު އިތުރަށް ވިދާޅުވީ މިއަދު ގައުމުގައި ކަންކަން ހިނގަމުން މިދަނީ ވަރަށް ދެރަވަރުކޮށް ކަމަށެވެ. ކަންކަން ހިނގަމުންދާ ގޮތުން ގާނޫނު އަސާސީއެއް އޮތް ކަމަކަށް ވެސް ބައެއް މީހުން ނުދެކޭ ކަން ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވީ ގައުމު މިހާލަތަށް އައިސް ހުދުމުހުތާރު ވެެރިކަމަކާ ދިމާލަށް ގައުމުގެ ކަންކަން މިދަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރަމުން ނުދާތީ ކަމަށެވެ.
ފުލުހުން ކޯޓަށް ދިއުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދެއްވި ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހީމް ހައްޔަރުކުރީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިޝާ ނަމާދު ވަގުތާ ދިމާކޮށެވެ. ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިމަހުގެ ހަތްވަނަ ދުވަހު ހަ ދުވަސް ދީފައިވާތީ ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ހުންނެވީ ދޫނިދޫގަ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ގާސިމް ދޫކޮށްލުމަށް ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ