އިންޖީނުގެ ހޫނުން ބޯފެން އުފެއްދުމުގެ މަޝްރޫއެއް ސްޓެލްކޯއިން ފަށަނީ

ސްޓެލްކޯއިން އަތޮޅުތަކުގައި ހިންގާ އިންޖީނުގެތަކުގައި ހޫނުން ބޯފެން އުފެއްދުމުގެ މަޝްރޫއެއް ފެށުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ސްޓެލްކޯއިން އަންނަނީ 28 ރަށެއްގެ އިންޖީނުގެ އޮޕަރޭޓް ކުރަމުންނެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް "ހަވީރަ"ށް ވިދާޅުވީ އެ މަޝްރޫއު އެންމެ ފުރަތަމަ ހިންގުމަށް ނިންމާފައި ވަނީ ކ. ގުޅީގައި ކަމަށެވެ. ޝަރީފް ވިދާޅުވީ އިންޖީނު ރޫމުގައި ހަރުކުރާ ހާއްސަ ޑިވައިސްތަކެއްގެ އެހީގައި، އިންޖީނުން އަރާ ހޫނު އާތްވަށް ބަދަލުކޮށް އަދި އެއަށް ފަހު ފެނަށް ބަދަލު ކުރުމަކީ ކާމިޔާބު ޓެކްނޮލޮޖީއެއް ކަމަށެވެ. އަދި ގުޅީގެ އިންވެސްޓްމަންޓްގެ އަގު 70،000 ޑޮލަރަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
"މެއި ޖޫންގައި އަޅުގަނޑުމެންނަށް އެ މަޝްރޫއު ގުޅީގައި ފަށައިގަނެވޭނެ. އަޅުގަނޑުމެން މިބަލަނީ ޖޮއިންޓް ވެންޗާ (ޖޭވީ) އެއްގެ އެހީގައި އެކަން ކުރެވޭނެ ކަމަށް. މިއީ ހަމަ ބުއިމަށް އަދި ކެއްކުން ފަދަ ކަންކަމަށް އެންމެ ރަނގަޅު ރައްކާތެރި ފެނަށް ވާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުޅީގައި ފަށާ މަޝްރޫއުން ދުވާލެއްގެ މައްޗަށް 10،000 ލިޓަރުގެ ފެން އުފެއްދޭނެ ކަމަށެވެ. އަދި އެފެން ރައްޔިތުންގެ ތާނގީތަކަށް ފޯރުކޮށް ދީގެން ގާތްގަނޑަކަށް 500،000ރ. އަހަރެއްގެ ތެރޭގައި އާމްދަނީއަށް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ނިޒާމު ސްޓެލްކޯއިން ރަށްރަށުގައި ހިންގާ ހުރިހާ އިންޖީނުގެއެއްގައި ހަރުކުރެވުމުން ރަށްރަށުން ފެން ހުސްވެގެން ފެން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަމަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތައް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ