ދިވެހިންގެ އެހީގައި ގައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް ކަރަންޓު!

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ސީރިއަސް ޒަހަމްތަކެއް ލިބޭ މީހުންނަށް ފަރުވާ ދެމުންދާ ގައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް، ދިވެހިންގެ އެހީގައި ކަރަންޓު ކަށަވަރުކޮށްދީފިއެވެ.
ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން މައުލުމާތު ދޭ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ކަރަންޓުގެ ދަތިކަން ކުރިމަތިވަމުން ދާތީ އައިއޭސީގެ ފަރާތުން، ދިވެހީންގެ އެހީގެ ގޮތުގައި 2547 ލީޓަރުގެ ތެޔޮ، އަލް-ޝިފާ ހޮސްޕިޓަލަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
މި ތެލުގެ ސަބަބުން ކަރަންޓު ގޮސްގެން ހޮސްޕިޓަލުގެ ހިންގުމަށް ދިމާވެގެންދާނެ ދަތިތަކަށް ލުއި ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އައިއޭސީން ވަނީ ބުނެފައެވެ.
އަލް-ޝިފާ ހޮސްޕިޓަލަކީ ފަލަސްތީނުގައި އޮޕަރޭޓް ކުރާ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ.
އިޒްރޭލުގެ އުދުވާންތަކުގެ ސަބަބުން ހަކަތަ ފޯރުކޮށްދޭ މަގުތައް ވަނީ ސުންނާފަތިވެފައެވެ. އަދި އަސާސީ ހިދުމަތްތަކާއި ކުއްލި ހާލަތުގެ އެހީ ފޯރުކޮށްދިނުމަށް ފުދޭ ވަރަށްވެސް ހަކަތަ ނުލިބުމުގެ މައްސަލަ، ދާދި އަވަހަށް ގައްޒާއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ، ހިލޭ އެހީދޭ ޖަމިއްޔާ، ސޭވް ދަ ޗިލްޑްރަން އިން ވަނީ ދީފައެވެ.
އައިއޭސީއިން ވަނީ، ދިވެހިންގެ ފަރާތުންގެ ގައްޒާގެ އާއިލާތަކަށް ނަގުދު ފައިސާވެސް ހަވާލުކޮށްފައެވެ. އައިއޭސީގެ 3 ޕާޓްނަރެއް މެދުވެރިކޮށް، ގައްޒާގެ 90 އާއިލާއަކަށް، ނަގުދު ފައިސާގެ އެހީ ފޯރުކޮށްދީފައި ވާ ކަމަށާ، މިއިން ކޮންމެ އާއިލާއަކަށް 100 ޔޫއެސް ޑޮލަރު ހަދިޔާ ކޮށްފައި ވާނެ ކަމަށްވެސް އައިއޭސީއިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ