ފ. މަގޫދޫ އިންޖީނުގެ ހިންގުން ފެނަކައާ ހަވާލުކޮށްފި

ފ. މަގޫދޫ ރައްޔިތުންގެ އިންޖީނުގެ ހިންގުން، ރާއްޖޭގެ ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.
ފެނަކަ އޮފީހުގައި މިއަދު ހެނދުނު އޮތް ސޮއިރުކުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ އިބްރާހީމް އެވެ. އަދި މަގޫދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަބްދުﷲ ނަސީމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޫސާ އިބްރާހީމް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން އިން މަގޫދޫ އިންޖީނުގެއާ ހަވާލުވުމަށް ފަހު އެތަން ރަނގަޅަށް ހިންގާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"ފ. މަގޫދޫ އިންޖީނުގެއަކީ ރާއްޖޭގެ އެ ސައިޒުގެ ގިނަ ރަށްތަކަށް ބަލާއިރުގައި ވަރަށް ރަނގަޅު އިންޖީނުގެއެއް. ދެން އަޅުގަނޑުމެން އެތަން ފުރިހަމައަށް ބަލަހައްޓާނޭ ކަމުގެ ޔަގީންކަން ދެން،" މޫސާ އިބްރާހީމް ވިދާޅުވި އެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ނަސީމް ވިދާޅުވީ، މަގޫދޫ އިންޖީނުގެ އަކީ މިހާރު ވެސް ވަރަށް ބޮޑަށް ތަރައްގީ ކުރެވިފައިވާ އިންޖީނުގެއެއް ކަމަށާއި އަދި އެތަން ފެނަކައާ ހަވާލުކުރީ ހެޔޮއަގުގައި ކަރަންޓުގެ ހިދުމަތް ލިބުމަށް ރައްޔިތުން އެދޭތީ ކަމަށެވެ.
"ރައްޔިތުން ވަރަށް ބޮޑަށް ބޭނުން ވެގެން އަޅުގަނޑުމެން ފ. މަގޫދޫ އިންޖީނުގެ ފެނަކަ ކޯޕަރޭޝަންއާ މި ހަވާލުކުރީ. މަގޫދޫ އިންޖީނުގެއަކީ އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ތަރައްގީ ކުރެވިފައި ހުރި، ރައްޔިތުން 28 އަހަރު ދުވަހު ހިންގާފައި ހުރި އިންޖީނުގެއެއް،" މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މި އިންޖީނުގެ ހަވާލުކުރަން މިޖެހެނީ ހަގީގަތުގައި ރައްޔިތުންނަށް، އަގުހެޔޮ ކަރަންޓެއް އަޅުގަނޑުމެންނަށް ފޯރުކޮށް ނުދެވޭތީ. އެހެންވީމާ މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެ."
މަގޫދޫގައި ރައްޔިތުންގެ ފަރާތުން ކަރަންޓުގެ ހިދުމަތް ދެމުން ގެންދިޔަ އިރު ކަރަންޓު ޔުނިޓަކަށް އެވްރެޖްކޮށް ނަގަމުން ގެންދަނީ، 3.25ރ އެވެ. އެހެން ނަމަވެސް ފެނަކައިން ބުނީ އެކުންފުނިން ކަރަންޓުގެ ހިދުމަތް ދޭންފެށުމުން މަގޫދޫ ރައްޔިތުންނަށް އެވްރެޖްކޮށް ކަރަންޓް ޔުނިޓަކަށް ހޭދަކުރަން ޖެހޭނީ 2.50ރ ކަމަށެވެ. އެއީ އެވްރެޖްކޮށް ޔުނިޓަކުން 75ލާރީގެ އަގުހެޔޮވުމެކެވެ.
އިބްރާހީމް މޫސާ ވިދާޅުވީ، ފެނަކައިން މަގޫދޫ އިންޖީނުގެއާ ހަވާލުވުމަށް ފަހު އެތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް މިވަގުތު އިތުރު މަސައްކަތެއް ނުކުރި ނަމަވެސް އެތަނުގެ އޮޕަރޭޝަންސް މުވައްޒަފުންގެ އަދަދު މިހާރަށް ވުރެ އިތުރު ކުރަން ޖެހޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫންމަހު ސަރުކާރުން ފެނަކަ ކޯޕަރޭޝަން އުފެއްދި ފަހުން އެ ކުންފުނިން ވަނީ، ރާއްޖޭގެ އެކި ރަށްރަށުން 156 އިންޖީނުގެއަކާ މިހާތަނަށް ހަވާލުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ