އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓު މީޓަރިން އުސޫލުން ކަރަންޓުގެ ވިއުގައިން ގުޅުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އެންވާރަމަންޓް މިނިސްޓްރީ އިން ޝީ ބިލްޑިންގައި މިއަދު ބޭއްވި ވޯކްޝޮޕަކީ، ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށާއި ކަރަންޓު ބިލަށް އަމިއްލަ ފަރުދުން ކުރާ ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އަމިއްލަ ފަރުދުންގެ ހިއްސާ ބޮޑުކޮށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެން ނެޓް މީޓަރިން އުސޫލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
ވޯކްޝޮޕްގެ ސަބަބުން ނެޓް މީޓަރިން އުސޫލުން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ވިއުގައަށް ގުޅުމުގައި ހާތަނަށް ދިމާވަމުންދާ ތަފާތު ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އާންމު ފަރުދުންނަށް އެ އުސޫލުގެ ފުރިހަމަ ފައިދާ ލިބިގެންދާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެ އެވެ.
އަދި ނެޓް މީޓަރިން އުސޫލުން ކަރަންޓު އުފައްދާ ބޭނުންކުރަން އެރަށެއްގައި ކަރަންޓު ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏަކުން ހުއްދަ ހޯދަންޖެހޭ ކަމަށެވެ. އެ އުސޫލުގެ ދަށުން ގާއިމުކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ކަރަންޓު އުފައްދަން އިންސްޓޯލް ކުރެވޭނީ އެގެއަކަށް ބޭނުންވާ ކަރަންޓުގެ ހަމަސްދުވަހުގެ އެވްރެޖަށް ބެލުމަށްފަހު އެއަދަދާ އެއް ވަރަށް ނުވަތަ މަދުން ކަރަންޓު އުފައްދާ ސިސްޓަމެއް ކަމަށެވެ.
މީގެ އިތުރުން އެ ސިސްޓަމުން އުފައްދާ ކަރަންޓު މުޅި ޖުމްލަ ގޭގައި ބޭނުންކުރާ ކަރަންޓަށް ވުރެ މަދުނަމަ ބިލު ކުރެވޭނީ އެ އަދަދު ކެނޑުމަށްފަހު ބާކީ އޮންނަ މިންވަރަށް ކަމަށެވެ. އަދި އެފަދަ ސިސްޓަމަކުން އުފައްދާ ކަރަންޓުގެ މިންވަރު ގޭގައި ބޭނުންކުރާ މިންވަރަށްވު ރެ އިތުރު ވެއްޖެނަމަ އެއިތުރުވާ މިންވަރު ތިން މަސްދުވަހުގެ މުއްދަތަކަށް ޖަމާކުރާނެ ކަމަށެވެ.
އެއުސޫލުން ކަރަންޓު އުފައްދާ ބޭނުންކުރަން ފެށުމުން އާއްމު ފަރުދުން ކަރަންޓު ބިލަށް ކުރަންޖެހޭ ހަރަދުގެ ބޮޑު މިންވަރެއް ކުޑަވެގެންދާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުންޏެވެ.
އެއްދުވަހުގެ މުއްދަތައް މިއަދު ކުރިއަށްގެންދިޔަ ވޯކްޝޮޕްގައި ޔޫޓިލިޓީ ކުންފުނިތަކާއި މުއައްސަސާތަކުން 30 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު ދޭން ދިމާވާ މައްސަލަތައް ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ