މިއަދު ފެންނަމުންދަނީ ޖުޑިޝިއަރީ އެމްޑީޕީގެ އައްޑާއަކަށް ހަދަން މަސައްކަތް ކުރައްވާ މަންޒަރު: ޝަހީދު

ދިވެހިރާއްޖޭއިން މިއަދު ފެންނަމުން މިދަނީ ޤައުމުގެ ޖުޑިޝިއަރީއަކީ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އައްޑާއަކަށް ހެއްދުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރުތައްކަމަށް ޕީޕީއެމްގެ ވަކީލު އަދި ކޮންގްރެސް ޕާޓީގެ ކައުންސިލް މެމްބަރު އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގުކުރަމުންދާ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ދަރުބާރު ގޭގައި ބޭއްވުނުއިރު އެކަމާ ގުޅިގެން ޗެނެލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލްއުސްތާޒު ޝަހީދު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ކަންކަން ހިނގަމުން ދާގޮތަށް ނަޒަރު ހިންގާލާއިރު ފެނިގެންދާ މަންޒަރަކީ ޤައުމުގެ ޖުޑިޝިއަރީގެ ތެރެއަށް ވަކި ބަޔަކު ބާރު ފޯރުވަން މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރުތައްކަމަށެވެ.އެގޮތުން އެމަންޒަރު ސިފަ ކުރެއްވީ ޖުޑިޝިއަރީ އެމްޑީޕީގެ އައްޑާއެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރުތައްކަމަށް ޝަހީދު ވިދާޅުވިއެވެ. ޝަހީދު އިތުރަށް ވިދާޅުވީ، މިއަދުގެ އަޑު އެހުމުގެ ފެނިގެން ދިޔައީ މައްސަލަ ކުރިއަށް ގެންދެވި އިރު ރިޔާސަތު ވަރަށް ބޮޑަށް ފެއިލްވެފައިވާ މަންޒަރުކަމަށެވެ.އެގޮތުން ޖޭއެސްސީގެ ފަރާތުން ރިޔާސަތު ބެލެއްޓެވި، އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑާއަޅުއްވާފައި ހުންނަވާ މެމްބަރު އަލްއުސްތާޒު މަސްތޫރޫ ހުސްނީއަށް ޝަހީދުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.މީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީގެ މިއަދުގެ އަޑު އެހުމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ރަގަޅުކަމުން ކަމަށާ ހަގީގަތަށް ބަލާނަމަ ފަނޑިޔާރު އަބްދުﷲ ދީދީ އެ ޝަރީއަތަށް ވަޑައިނުގަންނަވައި ހުންނެވުމުގެ އިޚްތިޔާރު އެމަނިކުފާނަށް ފަނޑިޔާރުންގެ ޤާނޫނުން ލިބިދީފައިވާ ކަން ޝަހީދު ފާހަގަކުރެއްވިއެވެ.ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރެވޭ ސުލޫކީ ދައުވާ ތަކަކާ ގުޅިގެން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލިސް މިއަދު ކުރިއަށް ދިޔައީ މައްސަލަ ބެލުމަށް ހާޒިރުވުމަށް އެންގި ޗިޓުގައި އޮތް މައްސަލައާ ގުޅުންހުރި ކަންކަން ނޫންކަން ފަނޑިޔާރު މަނިކުފާނާ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުންވަނީ ތަކުރާރުކޮށް މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ