މައްކާ ރޫޓް އިނިޝިއޭޓިވްގެ ހިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް

ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމަވާފައިވަނީ މިމަހުގެ 10ވަނަ ދުވަހު އެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް އައީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ބުންޏެވެ.މަތީ ފަންތީގެ އެ ވަފުދުގައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.މިނިސްޓްރީން ބުނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ޓީމުގެ ބޭފުޅުން ކުރައްވާނެ ކަމަށެވެ.މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.މި އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެ އެވެ.ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ.އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓެއް އަދި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އެންމެ ފަހު ފްލައިޓުގައި ފުރާ ހާޖީން ފުރާނީ މި މަހުގެ 30ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ