މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި
ބައިނަލްއަގުވާމީ ކުރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ގުޅޭ ގޮތުން މި މަހުގެ ތެރޭ ހެދި ރިވިއުއަކަށް ފަހު އޭގެ ހޯދުންތައް އެ އިދާރާގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ. މޫޑީސް ރޭޓިންސް އިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުގައި ދަމަހައްޓާފައިވަނީ ރާއްޖެއަށް ދީފައިވާ ސީއޭއޭ 2 ރޭޓިން އެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ 'ސީއޭއޭ2'ގައި ދަމަހައްޓައިފައެވެ.ރިވިއުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ދަރަނި ދައްކަން ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާތީ ހަރަދުތައް ހަމަޖައްސަން ދަތިވެ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.މޫޑީސް ބުނީ އިގްތިސާދީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ރިޒާވް ހަމައަކަށް އެޅުވޭ ވަރުގެ ފިޔަވަޅުތަކެއް އަދި މިހާތަނަށް އެޅިފައި ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދަރަނި ދެއްކުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ.ރާއްޖޭގެ ރިޒާވް މިވަގުތު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައިވީ ނަމަވެސް އެއީ އެކްސްޓާނަލް ފައިނޭންސިން އައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރުމުން އައި ބަދަލަކަށްވީ ނަމަވެސް ގޮންޖެހުން ހުރިކަންވެސް ފާހަގަކޮށްފައިވެ އެވެ. ރިޒާވް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ވަނީ އަނބުރާ ދައްކާ ގޮތަށް އިންޑިއާގެ ރިޒާވް ބޭންކާ އެކު 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕްއެއް ހަދާފަ އެވެ.މޫޑީޒްއިން ދެކޭ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. އެއާއެކު އެމެރިކާގެ އިގުތިސާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަގީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސިން ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް އެ ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ