އެމްޑީޕީން ޝަރުއީ ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްއާ ހިއްސާކޮށްފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)އާ އެމްޑީޕީން ހިއްސާކޮށްފިއެވެ. އެމްޑީޕީން އެ ކަން ހިއްސާކުރުމަށް އީއީއޭއެސްއާ ބައްދަލުކުރި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމެވެ. އެ ވަފުދުން ވަނީ، އީއީއޭއެސްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާ ބައްދަލުކުރައްވައި، ރާއްޖޭގެ ޑިމޮކްރެސީއަށް ދިމާވެފައިވާ ހާލަތު ކިޔައިދެއްވާފައެވެ. އެގޮތުން، މި ސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާ ގޮތުގެ އެސެސްމަންޓެއް ހިއްސާކޮށްފައިވެއެވެ. އެސެސްމަންޓުގައި ވަނީ، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ގާނޫނާ ޚިލާފަށް ވަކިކުރުމާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ސިޔާސީ ގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަޖިލީސް ބަލިކަށިވުމުގެ ސަބަބުން ޝަރުއީ ދާއިރާ 'ޕެރެލައިޒް'ވި ގޮތް ތަފްސީލުކޮށްދީފައެވެ. އިތުރަށް ފާހަގަކުރި ކަންކަން: ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވިފައިވަނީ އެކަށީގެންވާ އިޖުރާއަތުތަކެއް ނެތިކަން ޤާނޫނު އަސާސީއާ ގުޅުންހުރި މުހިންމު މައްސަލަތައް ބެލުމަށް ކޯޓުތަކަށް ނުބެލުން ވެރިކަންކުރާ ޕާޓީއަށް 300 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ތަޙްޤީޤު ނުކުރެވި އޮތުން ޒުވާން އަންހެނަކަށް ލިބުނު އަނިޔާއަކާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފުލުހުން ހިމޭނުން ތިބުން ސުލްޙަވެރި އިހުތިޖާޖުކުރާ ފަރާތްތައް، ޚާއްޞަކޮށް ޒުވާނުން، ހައްޔަރުކޮށް އަނިޔާކޮށްފައިވުން ޝާހިދު ވިދާޅުވީ، ޑިމޮކްރެޓިކް މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ބަދަލުގައި ބާރުވެރިންނަށް ޚިދުމަތް ދޭ ގޮތަށް ފަރުމާ ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ކޯޓުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ. އެކަންކަމަކީ، ރޭވިގެން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން، އެގައުމަށް ދިޔައީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ދިރިއުޅޭ ހަގީގަތް ހިއްސާކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ވަފުދުން އެ ބައްދަލުވުން ނިންމާލެއްވީ، ޑިމޮކްރެސީ އަލުން ގާއިމުކުރުމަށް ކަނޑައެޅި އަޒުމު ދަމަހައްޓައި އެމަގުސަދު ހާސިލުކުރުމަށް ތައްޔާރަށް ތިބިކަން ފާހަގަކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި ހިނގާ ކަންކަމުން އަސަރުކުރަނީ ހަމައެކަނި ޤައުމުގެ މުސްތަޤްބަލަށް ކަމެއް ނޫން ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުތަކަށް އޮންނަ އިތުބާރަށްވެސް އޭގެ އަސަރުކުރާނެ ކަމަށް އެޕާޓިން ބުނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި އެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާގެ އިތުރުން، ހުސްނުއްސުއޫދެވެ. އޭގެ ތެރެއިން ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާއާއި އަޒްމިރަލްދާ ވަނީ މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ސަރުކާރުގެ ބޭނުމަކީ އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދިޔުން ހުއްޓުވުން ކަމަށް އެ ދެ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ. އެ ފަނޑިޔާރުން ވަކިކުރައްވާފައި ވަނީ، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެދިފައިވަނިކޮށް، އެ ފުރުސަތު ނުދޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ