ސުނާމީ ކާރިސާ ހިނގި ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން އިބްރަތް ލިބިގެން، މިއަދު ދިވެހި ގައުމަށް ދިމާވެފައި މިވާ ބޮޑެތި މައްސަލަތަކުގައި އެންމެން އެކުގައި، އެއްބައިވަންތަކަމާއި އެކު ކުރިމަތިލުމަށް ހުރިހާ ރައްޔިތުންނަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގޮވާލައްވަފި އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސުނާމީ ކާރިސާގައި ދިވެހީން ދެއްކެވި މަތިވެރި ގައުމީ ރޫޙުގެ ހަދާން އާކޮށް، އެއިން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި އެ ދުވަހު ދިވެހި ރައްޔިތުން އިސްކޮށްފައިވަނީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަަށާއި، ގައުމަށް ދިމާވާ މިފަދަ ކޮންމެ އުނދަގޫ ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"މިއަދަކީ ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހެވެ. މި ދުވަސް އަޅުގަނޑުމެން ފާހަގަ މި ކުރަނީ ދިވެހި ތާރީހުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެންނެވެ. މީގެ 12 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި، ރާއްޖޭގެ ބޮޑު ބަޔަކަށް އެރި ސުނާމީގެ ސަބަބުން އެތައް ފުރާނައެއް މިދުނިޔެއާ ވަނީ ވަކިވެފަ އެވެ. ހަމައެހެންމެ އެ ބިރުވެރި ނާމާން ކާރިސާގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނެއްގެ ދިރިއުޅުން މުޅިން ނެތިގޮސްފައިވެ އެވެ. އާއިލާތައް ވިއްސި ވިހާލިވެގެން ގޮސް، މުޅި ގައުމަށް ވެރިވެފައި އޮތީ ބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތި ކަމެވެ. އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ގަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެކެވެ." ސުނާމީ އެރިއިރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި މައުމޫނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަނީ ސުނާމީ އެރި ދުވަހު ދުނިޔެ ދޫކޮށްފައިވާ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދައްކައިދިން އެއްބައިވަންތަކަމުން އިބްރަތް ލިބިގަތުމަށް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރަށް ވިދާޅުވެފައިވަނީ އެ ބިރުވެރި އަދި އެހާމެ ހިތްދަތި ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ އަދަދު 108 އަށް އަރާ ކަމަށެވެ. އަދި ހަމައެހެންމެ 15,000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ރާއްޖޭގެ އާބާދީގެ 62 އިންސައްތަ މީހުންނަށް އެކި ކަހަލަ ގެއްލުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަހުންނާއި އުހުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ހަޟްރަތުގައި ދުއާ ދަންނަވަމެވެ. އަދި އެއާއިލާތަކަށް ތައުޒިޔާ ދަންނަވަމެވެ." މައުމޫންގެ ބަޔާންގައި ވިދާޅުވެފައިވެ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން އިބްރަތް ލިބިގަންނަންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ