ގާސިމް އިބްރާހީމްގެ އިމާރާތެއްގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރަމުންދާތީ މުނިސިޕަލްޓީން ހުއްޓުވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މާފަންނުގައި ތިން ބުރި އަށް ހަދަމުން އަންނަ އޭނާގެ ގެއެއްގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރަމުންދާތީ، އެ އިމާރާތުގެ މަސައްކަތް މުނިސިޕަލްޓީން ހުއްޓުވައިފި އެވެ.
މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރު ޖެނެރަލް މުހަންމަދު ޝާހިދު މިއަދު ވިދާޅުވި ގޮތުގައި ޝަހީދު އަލީ ހިނގުމުގައި، ދަގަނޑު ހޮޅިން ގުދަނެއްގެ ގޮތަށް ހަދަމުން އަންނަ ބުރުމާވިލާ ހަދަން ފަށައިފައި ވަނީ މުނިސިޕަލްޓީން ހުއްދަ ވެސް ނުދެނީހެވެ.
"އެ އިމާރާތުގެ ހުއްދަ އަށް އެދިފައި ވަނީ. އެހެން ނަމަވެސް (މުނިސިޕަލްޓީން) ހުއްދަ ނުދެނީސް އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާތީ މަސައްކަތް ހުއްޓުވީ،" ޝާހިދު ވިދާޅުވި އެވެ. އެހެން ނަމަވެސް މަސައްކަތް ހުއްޓުވި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުއްދަ ނުހޯދައި އިމާރާތެއްގެ މަސައްކަތް ކުރަމުންދާ ނަމަ މުނިސިޕަލްޓީގެ އިތުރުން އެ އަވަށެއްގެ އަވަށު އޮފީހުން ވެސް ބަލައި މުނިސިޕަލްޓީ އަށް ރިޕޯޓް ކުރާނެ އެވެ.
ގެދޮރު އިމާރާތްކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އެއް ބުރި އަށް ވުރެ އުސްކޮށް އިމާރާތެއް ކުރާ ނަމަ އެ އިމާރާތް ކުރެވޭނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ރަސްމީ ލިޔުމަކުން ލިބިގެންނެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ގާސިމް ގަނެފައިވާ އެ ބިމުގައި އިމާރާތް ކުރަމުން ދަނީ ޖުމްހޫރީ ޕާޓީގެ ކެމްޕޭން އޮފީހެވެ. އެހެން ނަމަވެސް އެ ޕާޓީން އެކަން ދޮގުކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ ޕާޓީގެ ކެމްޕޭން އޮފީހުގެ ގޮތުގައި ތަނެއް ކުއްޔަށް ހިފައިފައި ނުވަތަ އިމާރާތް ކުރަމުން އަންނަ ކަމެއް ވެސް އެނގިވަޑައިގެންފައެއް ނުވެ އެވެ.
އިމާދުއްދީން ސްކޫލްގެ ދެކުނުން، އޮތް 354 ކޮށީގައި އަތޮޅުތަކަށް ފޮނުވާ ކަޅު ހަން ބެހެއްޓުމަށް ހެލްތު މިނިސްޓްރީ އަށް ވަގުތީ ދޫކޮށްފައިވާ ބިމުގައި ގަވާއިދާ ހިލާފަށް އެ މިނިސްޓްރީން ހަތަރު ބުރީގެ އިމާރާތެއް ހަދާތީ އެ މަސައްކަތް ވެސް މި އަހަރު ކުރީކޮޅު މުނިސިޕަލްޓީން ވަނީ ހުއްޓުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ