އަމީން އެވެނޫގައި އަދީބު ބަހައްޓާފައި ހުރީ ޕީޕީއެމް ޕީއެންސީ ހަލާކުކުރަން: ރައީސް ޔާމީން

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އަމީން އެވެނެއުގައި ބަހައްޓާފައި ހުރީ ޕީޕީއެމް/ޕީއެންސީ ހަލާކުކުރުމަށް ކަމުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ އެމަނިކުފާނުގެ ފުރަތަމަ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދެވެ. ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދަޢުވާއެއްގެ ޝަރީޢަތުގެ އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް މިއަދު ކުރިމަތިވެވަޑައިގެންފައިވާ ހިތްދަތިކަން ކުރިމަތިވީ އަދީބުގެ ސަބަބުން ކަމުގައެވެ.
ޑރ.ޖަމީލު އިތުރަށް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއަށް ޙަޤީޤަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއަދުވެސް އަދީބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި އަދީބު ޖަލުން ދޫކޮށްފައި އަމީން އެވެނިއުގައި ބަހައްޓާފައިވަނީ ސީދާ ޕީޕީއެމް ޕީއެންސީ ހަލާކުކޮށްލުމަށްޓަކައި ކަމުގައި ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.
އަދި ޕީޕީއެމް ޕީއެންސީ ހަލާކުކޮށްލުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ޕާޓީގެ އެކި ހިސާބުތަކަށް އެކި ވަހުތައް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި އެކަމާ ރައީސް ޔާމީން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމުގައިވެސް ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން މިއަދު މަސައްކަތްކުރަމުންދަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ