ހއ. ހޯރަފުށީގެ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތަކުގެ ތެރެއިން ބައެއް ފައިސާތައް ހޯދައި، ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ ހޯރަފުށީ ގެއެއްގެ އަލަމާރީގައި ހުރި 111،000 ރުފިޔާ މިމަހުގެ ހަތަރުވަނަ ދުވަހުގެރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން 28 އަހަރުގެ މީހާއާއި 34 އަހަރުގެ މީހާ ހައްޔަރުކޮށް ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 63،500 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
މިފަައިސާތައް ހޯދާފައިވަނީ އުމުރުން 34 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ މިމަހުގެ ހަތްވަނަ ދުވަހު ބަލައި ފާސްކޮށް، އެގޭ ބަދިގެ ތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދަނީ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންނެވެ.
ހޯރަފުށި ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ