ވަޓްސްއެޕް ޔޫޒާނޭމް ރިޒާވްކުރުމުގެ ފުރުޞަތު ހުޅުވާލައިފި
ދުނިޔޭގައި އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕްއިން، ފޯނު ނަންބަރު ހިއްސާނުކޮށް މީހުންނާ މުއާމަލާތް ކުރެވޭ ގޮތަށް ތައާރަފްކުރާ "ޔޫޒާނޭމް" ފީޗާ ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން، ބޭނުންވާ ޔޫޒާނޭމްތައް ރިޒާވްކުރުމުގެ ފުރުސަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭން ފަށައިފިއެވެ. މިއީ މި އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ހުޅުވާލާ މި ފީޗާގެ ކުރިން، ތިމާ ބޭނުންވާ ޚާއްސަ ނަމެއް ނުވަތަ އައިޑީއެއް އެހެން މީހަކު ނެގުމުގެ ކުރިން ރައްކާތެރިކުރުމަށް ދެވުނު ފުރުސަތެކެވެ. މި ފީޗާ މުޅިން ހަމައަށް ލޯންޗުވުމުން، އާ މީހުންނާ ވާހަކަދައްކާއިރު ފޯނު ނަންބަރުގެ ބަދަލުގައި ހަމައެކަނި ޔޫޒާނޭމް ހިއްސާކޮށްލުމުން ފުދޭނެއެވެ. މެޓާ ކުންފުނިން ހާމަކުރި ގޮތުގައި މިއީ ސޯޝަލް މީޑިއާ އައިޑެންޓިޓީއަކަށް ވުރެ ބޮޑަށް، ޔޫޒަރުންގެ ޕްރައިވެސީ ނުވަތަ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި ތައާރަފްކުރާ ފީޗާއެކެވެ. މީގެ އިތުރުން، ވަޓްސްއެޕްގައި އެހެން ޕްލެޓްފޯމްތަކާ ޚިލާފަށް ޔޫޒާނޭމްތައް ހޯދޭނެ އާންމު ޑައިރެކްޓަރީއެއް ނުވަތަ ސަޖެސްޝަންތަކެއް ނުހުންނާނެއެވެ. އެހެންކަމުން، މީހަކު ތިމާއަށް މެސެޖުކުރަން ބޭނުންނަމަ އެމީހަކަށް ތިމާގެ ޔޫޒާނޭމް ސީދާ އެނގެންޖެހޭނެއެވެ. ޔޫޒާނޭމް ޖަނަރޭޓް ކުރުމުގެ ފީޗާއެއްވެސް ވަނީ ހިމަނާފައި --- މި ފީޗާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން "ޔޫޒާނޭމް ކީ" ނުވަތަ ޕިން ނަމްބަރެއް ހިމެނުމުގެ އިޚްތިޔާރުވެސް ޔޫޒަރުންނަށް ލިބޭނެއެވެ. މީގެ މާނައަކީ، މީހަކު ފުރަތަމަ ފަހަރަށް ޔޫޒާނޭމް މެދުވެރިކޮށް ވާހަކަދައްކަން އުޅުނަސް، އެމީހަކަށް މެސެޖު ކުރެވޭނީ ތިމާ ކަނޑައަޅާފައިވާ ޚާއްސަ ކީ އެނގިގެންނެވެ. މި ކީ ބޭނުން ކޮންމެ ވަގުތަކު ބަދަލުވެސް ކޮށްލެވޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިން ބިލިއަނަށް ވުރެ ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރަމުންދާއިރު، އެއް ނަމެއް ގިނަ ބަޔަކު ބޭނުންވެދާނެތީ ވަޓްސްއެޕުން ވަނީ ނަމެއް އިޚްތިޔާރުކުރަން ފަސޭހައަކަށް "ޔޫޒާނޭމް ޖެނެރޭޓަރެއް" ވެސް ހިމަނާފައެވެ. އަދި ވިޔަފާރިތަކާއި ކްރިއޭޓަރުންނަށް އެމީހުންގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ހޭންޑްލްއާ އެއްގޮތަށް ޔޫޒާނޭމް ހޯދުމުގެ އިސްކަން ލިބޭނެއެވެ. މިހާރު މި ފުރުސަތު މަޑުމަޑުން ޔޫޒަރުންނަށް ލިބެމުންދާއިރު، އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓް އަޅައިގެން ސެޓިންގްސްގެ އެކައުންޓް ބަޔަށް ގޮސް ޔޫޒާނޭމް ރިޒާވް ކުރެވޭނެއެވެ. ތިމާގެ އެކައުންޓަށް މި ފުރުސަތު ލިބުމުން ވަޓްސްއެޕް އެޕްލިކޭޝަން ތެރެއިން ނޮޓިފިކޭޝަނެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ