"ހީރާ ޕޭރީ 3" ހެދުމުގެ އުއްމީދު ގެއްލިއްޖެ

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ކޮމެޑީ ފްރެންޗައިޒް ކަމަށްވާ "ހޭރާ ޕޭރީ"ގެ ތިންވަނަ ފިލްމަށް އިންތިޒާރުކުރަމުން އައި ފޭނުންނަށް ބޮޑު މާޔޫސްކަމެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން ވަނީ އޭނާ މި ފިލްމުން ރަސްމީކޮށް ވަކިވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި ގާނޫނީ ގިނަ މައްސަލަތަކެއްގެ ސަބަބުން މި ފިލްމު ދެން ދުވަހަކު ވެސް ސިނަމާތަކަށް ނާންނާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 
މި އަހަރު ކުރީކޮޅު ޕްރިޔަދަރްޝަން މި ފިލްމާ މެދު އުންމީދީ ވާހަކަތަކެއް ދެއްކި ނަމަވެސް، މިހާރު އޭނާގެ ނިންމުން ވަނީ މުޅިން ބަދަލުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު ފިރޯޒް އޭ ނަދިއަޑްވާލާ ބުނީ ޕްރިޔަދަރްޝަން މިހާރު ފިލްމުގެ މަސައްކަތުގައި ބައިވެރިނުވާ ކަމަށެވެ.
އެ ވާހަކަތަކަށް ބާރުދެމުން "ހިންދުސްތާން ޓައިމްސް"އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަދަރްޝަން ބުނީ ފިރޯޒް އެ ބުނީ ތެދެއް ކަމަށާއި އޭނާ އާއި "ހީރާ ޕޭރީ 3"އާ އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށެވެ.
"އަހަންނަށް އެނގިފައިވާ ގޮތުގައި ގާނޫނީ ގިނަ މައްސަލަތަކާއި އަމިއްލަ ދެބަސްވުންތަކުގެ ސަބަބުން މި ފިލްމު ދެން ދުވަހަކު ވެސް ސްކްރީނަކަށް ނާންނާނެ،" އޭނާ ބުންޏެވެ. 
މި ފިލްމުގެ ނަމާއި ކެރެކްޓާތަކުގެ މިލްކުވެރިކަމާ މެދު ވަނީ ގާނޫނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. ދެކުނު އިންޑިއާގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "ސެވެން އާޓްސް އިންޓަނޭޝަނަލް" އިން ބުނަމުންދަނީ ފިލްމުގެ ރައިޓްސް އޮތީ އެމީހުންގެ އަތުގައި ކަމަށެވެ. ނަމަވެސް، ޕްރޮޑިއުސަރު ފިރޯޒް އެކަމާ ދެކޮޅު ހަދަ އެވެ. އަދި އަކްޝޭ ކުމާރުގެ ޓީމުން ބުނެފައި ވަނީ އެމީހުން ރައިޓްސް ގަތީ ފިރޯޒްގެ އަތުން ކަމަށެވެ.
މި ފިލްމުގެ އަސްލު ތިން ތަރިން ކަމަށްވާ އަކްޝޭ، ސުނިއުލް ޝެޓީ އަދި ޕަރޭޝް ރާވަލް އަނބުރާ ގެންނަން ރޭވި ނަމަވެސް، އެކަމުގައި ވެސް އެކި މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ޕަރޭޝް މި ފިލްމުން ވަކިވެ، އޭނާއަށް އެޑްވާންސްއަށް ދިން 11 ލައްކަ ރުޕީސް، 15 ޕަސެންޓް އިންޓްރެސްޓާ އެކު އަނބުރާ ދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 
The most trusted news source in the Maldives
ޕްރިޔަދަރްޝަން ހާމަކުރި ގޮތުގައި އޭނާ އާއި އަކްޝޭ އަދި ޕަރޭޝްއާ ދެމެދު އެއްވެސް މައްސަލައެއް ނޫޅެ އެވެ. ނަމަވެސް ބޭރުގެ ބައެއް "ނުބައި ބާރުތަކުން" ޕަރޭޝްއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރުވީ އެވެ.
އަކްޝޭ ވެސް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެކްޓަރުންގެ މެދުގައި މައްސަލައެއް ނެތް ނަމަވެސް، ހައްލުނުވާ ގިނަ އެއްބަސްވުންތަކެއް ހުރުމުގެ ސަބަބުން ފިލްމުގެ މަސައްކަތް މިހާރު އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. 
މި ތިން ތަރިން އެކުގައި ފެންނަ "ވެލްކަމް ޓު ދަ ޖަންގަލް" ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު، "ހީރާ ޕޭރީ 3" ފެންނާނެ ކަމުގެ އުއްމީދެއް މިހާރު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ