މަޝްރޫއުތައް އަވަސްކުރަން މިނިސްޓްރީތަކުގައި މަޝްރޫއުތައް ވިލަަރެސްކުރާ ޔުނިޓެއް ގާއިމްކުރަނީ

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ހުރިހާ މިނިސްޓްރީތަކެއްގައި މަޝްރޫއުތައް ވިލަރެސްކުރާ ޔުނިޓުއް ގާއިމްކުރުމަށް ވަޒީރުން މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ވިދާޅުވީ، ސަރުކާރުން އާންމުންނަށް ދެއްވާ ހިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމެވުމުގެ މަގުސަދުގައި ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން، މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރެއްވުމަށް ވަނީ ނިންމައިފައެވެ. އަދި މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ހާއްސަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމެވުމަށް ޓަކައި، އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއާއެކު ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.
ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ ”ދުވެލި“ ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ ”ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, ”ޕިމްސް“ ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރައްވައި، އެއަށްފަހު ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފައްޓަވައިފައެވެ. އެގޮތުން އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިންމައި، މި ދައުރުގެ ތެރޭގައި ހަވާލުކުރަން މަސައްކަތްކުރައްވާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު ވެސް މި އަހަރު އާންމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ