ގާޒީ ބާރީގެ އިތުރު ވާހަކަތަކެއް: މިއަށްވުރެ އަނިޔާވެރި މީހަކީ ކާކުތޯ؟

މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި، މީސްތަކުންގެ މުދަލާއި، ފައިސާ ފޭރޭނެގޮތް ބަޔަކު ކިޔައިދިނުމުން އެމީހުން އެދޭ ހުރިހާކަމެއް އެމީހުން އެދޭހާގޮތަކަށް ކޮށްދޭ މީހާއަށްވުރެ އަނިޔާވެރި މީހަކު ހުންނާނެތޯ ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަލްއުސްތާޒު އަބްދުލްބާރީ ޔޫސުފް ސުވާލުކުރައްވައިފިއެވެ.
ގާޒީ ބާރީ މި ސުވާލު ކުރައްވާފައިވަނީ އޭނާގެ ފޭސްބުކު ސްޓޭޓަސްގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައެވެ.
ކްރމިނަލް ކޯޓްގެ އިސް ގާޒީކަމުން ކުއްލިގޮތަކަށް ވަކިކުރައްވާ ޖުވެނަލް ކޯޓަށް ބަދަލުކުރައްވާފައިވާ ގާޒީ ބާރީ ލިޔުއްވާފައިވާ ސްޓޭޓަސްގައި ވިދާޅުވެފައިވަނީ ގާނޫންތަކާއި، ގަވާއިދުތަކާއި، އުސޫލުތަކަށް އަމަލުކުރަން ބޭނުންނުވާނަމަ އެތަކެތި ހަދާ ތަސްދީގުކޮށް، ގެޒެޓްކޮށް އަދި ޝާއިއުކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ.
ބާރީގެ އަނެއް ސްޓޭޓަސްގައި ވިދާޅުވެފައިވަނީ މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި، މީސްތަކުންގެ މުދަލާއި، ފައިސާ ފޭރޭނެގޮތް ބަޔަކު ކިޔައިދިނުމުން އެމީހުން އެދޭ ހުރިހާކަމެއް އެމީހުން އެދޭހާގޮތަކަށް ކޮށްދޭ މީހާއަށްވުރެ އަނިޔާވެރި މީހަކު ހުންނާނެތޯ ސުވާލު ކުރައްވާފައެވެ.
މީގެ އިތުރަށް ގާޒީ ބާރީވަނީ ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި އިބްރަތްތެރި ވާހަކަ "ސިންގާ އާއި ބަކަރި" މި ވާހަކައިން މިސާލެއް ދައްކަވާވެސް ސްޓޭޓަސްއެއް ލިޔުއްވާފައެެވެ.
ބާރީ ވިދާޅުވީ ސިންގާ ބޭނުންވަނީ ބަކަރި ކާލަންކަމަށްވާނަމަ ބަކަރި ކާލަން ނުޖެހޭ އެއްވެސް ސަބަބެއް ބަކަރީގެ ފަރާތުން ސިންގާއަކަށް ނުދެއްކޭނެކަމަށް ވިދާޅުވެފައެވެ.
ބާރީވަނީ މީގެ ކުރިންވެސް "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށާ އަދި، "އެއީ ކޮން ބައެއް ކަމާއި އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލް އަންނަނީ" ކަމަށް ވިދާޅުވެ ސުޓޭޓަސްއެއްވެސް ލިޔުއްވާފައެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ގާޒީ ބާރީ ދައްކަވާ ވާހަކަތަކާއިމެދު ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. އަދި ގާސިމް އިބްރާހިމްގެ ގައިރު ހާޒިރުގައި ރޭގަނޑު ދަންވަރު ކޯޓް ހުޅުވައިގެން ގާސިމްގެ މައްޗަށް ބާރީ ކުރިން ހިންގެވި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މިދަނޑިވަޅުގައި ގާޒީ ބާރީ މިފަދަ ވާހަކަތަކެއް ލިޔުއްވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ އެމަނިކުފާނާއިވެސް ސުވާލުކުރަމުންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ އެދުވަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނިކޮށެވެ. ގާޒީ ބާރީ އެމައްސަލަތައް ކޯޓުން ބޭރުކުރީ ދައުލަތުގެ ވަކީލުން އެދުވަހުގެ ޝަރީއަތުގެ ފަހު ބަޔަށް ކޯޓަށް ހާޒިރުނުވުމުން އެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ބޭފުޅުންގެ އިއްތިފާގުން އެގޮތަށް ނިންމެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ