ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އޭޑީކޭގައި އަނެއްކާ ވެސް ފަރުވާ ދޭން ފަށައިފި އެވެ.
ގާސިމް އިބްރާހީމަށް ދެވަނަ ފަހަރަށް އޭޑީކޭގައި މިއަދު ފަރުވާ ދޭން ފަށާފައި މިވަނީ ރާއްޖެއިން އެމަނިކުފާނަށް ފަރުވާ ދެއްވި މެޑިކާ ކްލިނިކާއި، އޭޑީކޭ އަދި އައިޖީއެމްއެޗުން ވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްކަމަށާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާ ލަފާ ދެއްވާފައިވާ ވަގުތެއްގަ އެވެ.
ގާސިމްގެ ގާނޫނީ ވަކީލުން އިއްޔެ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ ހިތުގެ ޚާއްސަ ޑޮކްޓަރު ލަފާ ދީފައިވަނީ ގާސިމަށް ފަރުވާ ދިނުމަށްޓަކައި އީޕީއޭ އާއި އާރްއެފްޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރުމަށާއި އެއޮޕަރޭޝަން ދިވެހިރާއްޖޭގައި ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. ގާސިމް އިބްރާހީމްގެ ހިތްޕުޅުގެ މައްސަލަތަކަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނަފުޅަށް ވެސް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ.
އޮޕަރޭޝަންތަކެއް ކުރަން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގާސިމަށް އައިޖީއެމުއެޗުން އަންގާފައިވާ އިރު މީގެ ކުރިން ގާސިމްގެ ހިތްޕުޅުގެ ސްކޭނެއް ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އޭޑީކޭއިން ވެސް ވަނީ އަންގާފަ އެވެ.
ގާސިމް ބެއްލެވި ޑޮކްޓަރުން އެމަނިކުފާނު ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ލަފާ ދެއްވި ނަމަވެސް ގާސިމަށް ރާއްޖެއިން ބޭރަށް ވަޑައިގަނެވޭ ގޮތް ހަމަޖެހިފައި ނުވަނީ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެވެ.
ގާސިމް އިބްރާހީމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލަ މުރަޖައާ ކޮށްދިނުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން މިހާރު ވަނީ ބޭރުކޮށްލާފަ އެވެ.
ގާސިމް އިބްރާހީމަށް އަނެއްކާވެސް އޭޑީކޭގައި ފަރުވާދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ