ރައްޔިތުން ނުނުކުތްނަމަ މުޅި އުމުރު ތިބެން ޖެހޭނީ ކުއްލި ނުރައްކަލުގައި: އަލީ ހުސައިން

ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވުނީ ރައްޔިތުންގެ މަސައްކަތުން ކަމަށާއި ރައްޔިތުން މަގުމައްޗަށް ނުނުކުމެތިބިނަމަ މުޅި އުމުރު ތިބެންޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީ ރޭ ބޭއްވި އެއްވުމުގައި އަލީ ހުސައިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ހަގީގަތުގައި ނިމުމަކަށް މިގެނެވުނީ ވެސް ރައްޔިތުންގެ މަސައްކަތުން ކަމަށެވެ. ރައްޔިތުން މަގުމައްޗަށް ނުނުކުތްނަމަ މުޅި އުމުރު މިހާލަތުގައި ދެމިތިބެން ޖެހުނީސް ކަމަށް އޭނަ ވިދާޅުވިއެވެ.
އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައްކަން ފާހަގަކުރައްވައި އެހައްގުތައް ދޫކޮށްނުލުމަށް އަލީ ހުސައިން ގޮވާލެއްވިއެވެ.
"ސަރުކާރުން ހީކުރީ ޣައިރުގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެތައް ސަތޭކަ ރައްޔިތުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ލައި އެތައް ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ހުރިހާ ލީޑަރުން ޖަލަށް ލީމަ ފަހަތަށް ޖެހޭނެ ކަމަށް. ނުޖެހޭ ފަހަތަަކަށް. ފަހަތަކަށް ނުޖެއްސޭނެ. ވަރަށް ސާބިރުކަމާއެކު މިދަންނަވަނަނީ. އެކަން އޮންނާނީ 16 ވަނަ ދުވަހު ސާބިތުކޮށްދީފައި" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ޖިސްމުގައި އުފެދިފައިވާ ފާރުތަކަކަށް ފަރުވާ ލިބެމުން އެބަދާ ކަމަށާއި އަނިޔާވެރިކަމާއި ބޭއިންސާފަށް ދިވެހި ރައްޔިތުން ދެން ދުވަހަކުވެސް އާނއެކޭ ނުބުނާނެ ކަމަށެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރައްޔިތުން ވަނީ ސަރުކާރު ކުޑަކަކޫ މައްޗަށް ދެވަނަ ފަހަރަށް ތިރިކޮށްފައި ކަަމަށެވެ. ތަފާތު ފިކުރުގައި ތިބި މީހުން އެކުއެކީގައި އަތުގުޅާލައިގެން އެއްޝުއޫރެއް ފާޅުކުރުމަކީ ވެސް ގުޅިފައިވާ ޕާޓީތަކަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ އިސްލާހަށް ކުރާ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ނަމަވެސް ދިވެހި ރައްޔިތުން ދައްކަނީ އާދަޔާ ޚިލާފު ޖޯޝެއް ކަމަށެވެ. މިމަސައްކަތް ކާމިޔާބުވާނެ ކަމަށާއި ކާމިޔާބު އޮތީ ދާދި ގާތުގައި ކަމަށް ވެސް ވިދާޅުވިއެވެ. ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންގެ ގުޅުމަކީ ހިތާއިހިތުގެ ގުޅުމެއް ކަމަށާއި ކިތަންމެ ވަރަކަށް އުޅުނަސް ފަހަތަށް ނުޖެއްސޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ